ޒަކާތު ފައިސާގެ ތެރެއިން 13 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އޭގެ ހައްގުވެރިންނަށް ރައްދު ކުރިކަން ޔަގީން ނުވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓު އޮފީހުން އެހެން ބުނެފައިވަނީ އެ އޮފީހުން ނެރެފައިވާ 2016 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީގެ މާލީ އޮޑިޓު ރިޕޯޓުގައެވެ.
އެއޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މުދަލު ޒަކާތާ ފިތުރު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅެމުންދާ ފަގީރުންނާ މިސްކީނުންގެ މެދުގައި ޒަކާތު ފައިސާ ބެހި ގޮތުގެ ތަފުސީލާއި، މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް އަތޮޅު ތެރެއަށް ފޮނުވި ފައިސާގެ ތެރެއިން ހަރަދު ނުވެ ބާކީ ފައިސާއެއް ހުރި ނަމަ އެ ފައިސާ އަނބުރާ މިނިސްޓްރީއަށް ފޮނުވި ކަމުގެ ނުވަތަ ޖަމާ ކުރި ކަމުގެ ތަފުސީލު ހޯދަން ތަކުރާރުކޮށް އެދިގެން ވެސް އެ ލިއުންތައް ލިބިފައި ނުވާ ކަމަށެވެ.
އެ ތަފުސީލުތައް ލިބިފައި ނުވާ އިރު، އޮޑިޓު ސާމްޕަލުގެ ގޮތުގައި ނެގުނު މުއާމަލާތްތަކުގެ ތެރެއިން 13480100 (ތޭރަ މިލިއަން ހަތަރު ސަތޭކަ އަށްޑިހަ ހާސް ސަތޭކަ) ރުފިޔާ ހައްގުވެރިންނަށް ލިބިފައިވާ ކަން ޔަގީން ކުރެވިފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓު އޮފީހުން ބުނެފައިވާ ގޮތުގައި މާލިއްޔަތު ގަވާއިދުގެ ދަށުން ދައުލަތުން ހޯދާފައިވާ ނުވަތަ ކުރުވާފައިވާ މަސައްކަތަކަށް ނުވަތަ ހޯދާފައިވާ އެއްޗަކަށް ނުވަތަ އެއްބަަސްވުމެއްގެ ދަށުން އެޑްވާންސްކޮށް ދޭން ޖެހޭ ފައިސާ ނުވަތަ މުވައްޒަފުންނަށް ހަވާލު ކުރަން ޖެހޭ ފައިސާ ނުވަތަ އެނޫން ވެސް ގޮތަކުން ދައުލަތުން އެކި ފަރާތްތަކަށް ހަވާލު ކުރަން ޖެހޭ ފައިސާ އެފައިސާ ލިބެންވާ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ލިބުނުކަން ކަށަވަރު ކުރަން ޖެހޭނެއެވެ.