ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 10:50
ޢީން ޢައްބާސް ޝަރީފް
ޢީން ޢައްބާސް ޝަރީފް
ފޭސްބުކް
ސްވިމިން
ތައިލެންޑު އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕުން ޢީން އަށް ބޮޑު ކާމިޔާބެއް
ޢީން ވަނީ ޖުމުލަ ނުވަ މެޑައްޔެއް ހޯދައި، ޤައުމީ ރެކޯޑެއް މުގުރާލާފައި

ތައިލެންޑުގައި ކުރިއަށް ދިޔަ އޭޖް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ޢީން ޢައްބާސް ޝަރީފް ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

މުބާރާތުގައި ވާދަކޮށް އުމުރުން 15 އަހަރުގެ ޢީން ވަނީ ޖުމުލަ ނުވަ މެޑައްޔެއް ހޯދައި، ޤައުމީ ރެކޯޑެއް މުގުރާލާފައެވެ. ޢީން ވަނީ ހަތަރު ރަން މެޑައްޔާއި، ހަތަރު ރިހި މެޑަލް އަދި އެއް ލޯ މެޑަލް ހޯދާފައެވެ.

ޢީން ރަން މެޑަލް ހޯދި އިވެންޓުތަކަކީ 400 މީޓަރުގެ އިންޑިވިޖުއަލް މެޑްލީ، 200 މީޓަރުގެ ބަޓަފްލައި ސްޓްރޯކް، 400 މީޓަރުގެ ފްރީ ސްޓައިލް އަދި 800 މީޓަރުގެ ފްރީ ސްޓައިލްއެވެ. ރިހި މެޑަލް ހޯދީ 50 މީޓަރުގެ ބްރެސްޓް ސްޓްރޯކް، 200 މީޓަރުގެ ބްރެސްޓް ސްޓްރޯކް، 200 މީޓަރުގެ ފްރީ ސްޓައިލް އަދި 200 މީޓަރުގެ އިންޑިވިޖުއަލް މެޑްލީއެވެ. މީގެ އިތުރުން ޢީން ލޯ މެޑަލް ހޯދީ 100 މީޓަރުގެ ބްރެސްޓް ސްޓްރޯކުންނެވެ.

އެ މުބާރާތުގައި ވާދަކޮށް ޢީން ވަނީ 400 މީޓަރުގެ ފްރީ ސްޓައިލްގެ ޤައުމީ ރެކޯޑު މުގުރާލާފައެވެ. ކުރިން މި އިވެންޓުގެ ޤައުމީ ރެކޯޑަކީ 5:49.74 ގެ ޓައިމިންއެކެވެ. މިފަހަރު ޢީން އެ ރެކޯޑު މުގުރާލީ 5:29.88 ގެ ޓައިމިންއަކުންނެވެ. ޢީންގެ މި ކާމިޔާބާ ގުޅިގެން ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވަނީ ޢީން އަށް މަރުޙަބާ ވިދާޅުވެފައެވެ.

މިހާރު ވެސް 1500 މީޓަރުގެ ފްރީ ސްޓައިލް ޤައުމީ ރެކޯޑު އޮންނަނީ ޢީން އަތުގައެވެ. އެއީ 22:32.83 ގެ ޓައިމިން އަކުން އިވެންޓު ނިންމައިގެންނެވެ. މިއީ އޭގެ ކުރީގެ ޓައިމިން އަށް ވުރެ 1:59.01 ސިކުންތުގެ އަވަސް ޓައިމިންއެކެވެ.

ޢީން އަންނަނީ 2021 ވަނަ އަހަރުން ފެށިގެން ތަންޔަޕުރާ ހައި ޕާފޮމަންސް ޓްރެއިނިން ސެންޓަރުން ޓްރެއިނިން ހަދަމުންނެވެ.

- ކޮމެންޓް