މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ގުރޫޕްތައް އިވެލުއޭޓް ކުރުމަށް ފަހުވެސް އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ އެންގި ގޮތާ ޚިލާފަށް ކަމަށާއި އެހެންވެ އެ މިނިސްޓްރީގައި އެކަން ކުރި ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ކުރިމަތިލި ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް އޭސީސީން ފުުރަތަމަ އެންގުމުން ވެސް ގުރޫޕްތައް ކަނޑައެޅީ އިވެލުއޭޓް ކުރުމެއް ނެތި އެވެ. އޭސީސީގެ އެންގުން ދެވަނަ ފަހަރަށް އައުމާ ގުޅިގެން އިވެލުއޭޓް ކުރުމަށް ފަހުވެސް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ އެންމެ ކުރިން ވެސް ކަނޑައެޅި ގުރޫޕްތަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ޒައީ ގްރޫޕެވެ.
މި މައްސަލާގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ބައެއް މީޑިޔާތަކަށް ވިދާޅުވެފައި ވަނީ ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ވެސް ކަނޑައެޅީ އެ ކޮމިޝަންގެ އެންގުމާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންވެ ކޮމިޝަންގެ އެންގުމަށް ތަބާނުވި ބޭފުޅުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ހަސަން ލުތުފީ ވިދާޅުވެފައިވަނީ އެއީ އިސްލާމިކް މިނިސްޓްރީން ގަސްދުގައި ކުރާ ކަމެއް ކަމަށާއި ދީނީ ކަމެއްގައި އެވަރު ވީމާ އެއީ ބޮޑުވަރު ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މިކަމުގައި އަމަލުކުރި ގޮތް އޭސީސީން ބަލައެއް ނުގަންނާނަން ކަމަށާއި މިނިސްޓްރީން ކަންތައް ކޮށްފައި އޮތީ ވަރަށް ދެރަކޮށް ކަމަށެވެ.
އޭސީސީން އެގޮތަށް ބުނިއިރު ހުއްދަ ނުލިބުނު ބައެއް ހައްޖު ގްރޫޕްތަކުން މިހާރު ދަނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް މަސައްކަތް ކުރަމުންނެވެ.
ހައްޖަށް ގެންދިއުމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލި 16 ކުންފުނީގެ ތެރެއިން ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލް ހަރަމައިން އާއި ސިސިލްފަރު ގްރޫޕާއި ޒައީ ގްރޫޕާއި ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށެވެ.
ކުރިމަތިލި ކުންފުނިތަކުގެ ޕްރޮޕޯޒަލް އަލުން އިވެލުއޭޓް ކުރަން އޭސީސީން ފުރަތަމަ އެންގުމުން މިނިސްޓްރީން ނިންމީ ދަރުމަ ލިލް ހައްޖު ގްރޫޕާއި ކިސްވާ ގްރޫޕް ނުުހިމެނޭ ގޮތަށް، ކުރިން ވެސް ހުއްދަ ދިން ގްރޫޕްތަކަށް ހުއްދަ ދޭށެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރަން ދެވަނަ ފަހަރަށް އެންގުމުން ވެސް މިނިސްޓްރީން ނިންމީ ހަމަ އެއް ގްރޫޕްތަކަކަށް ހުއްދަ ދިނުމަށެވެ.