ރާއްޖޭގައި ނިމުނު މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ އެންމެ ރަނގަޅު ނަތީޖާއެއް އިންޑިއާ އިން ހޯދައިފިއެވެ.
ރާއްޖޭގައި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އިން 23 ގެ ނިޔަލަށެވެ. ކުޅިވަރު އެކުވެނި އިންޑޯގައި ކުރިއަށް ދިޔަ މުބާރާތުގައި 25 ޤައުމަކުން 200 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. މުބާރާތުގައި ރާއްޖެއިން ވަނީ 30 ކުޅުންތެރިން ބައިވެރިވެފައެވެ.
މުބާރާތް ކުރިއަށް ގެންދިޔައީ ޖުމުލަ ފަސް އިވެންޓެއްގެ މައްޗަށެވެ. އެއީ އަންހެން ސިންގަލްސް، މިކްސް ޑަބަލްސް، ފިރިހެން ޑަބަލްސް، ފިރިހެން ސިންގަލްސް އަދި އަންހެން ޑަބަލަސްއެވެ. މީގެ ތެރެއިން އިންޑިއާ އިން ވަނީ ތިން އިވެންޓެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ އަންހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސްއެވެ. މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ސެޕއިނުންނެވެ. އަދި އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ޖަޕާނުންނެވެ.
އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ އާކަރްޝީއެވެ. މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ރެޑީ ސިކީގެ އަދި ރޯހަން ކަޕޫރުގެ ޕެއާ އިންނެވެ. ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ރޯހަން ކަޕޫރު އަދި ރެޑީ ސްމިތުގެ ޕެއާ އިންނެވެ.
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ކުޅުންތެރިޔަކީ ލުއިސް އެންރީކޭއެވެ. އަދި މުބާރާތުގެ އަންހެން ޑަބަލްސް ކާމިޔާބުކުރި ޖަޕާނުގެ ކުޅުންތެރިންނަކީ ޓަކަހާޝީ އަދި ހޯސީގެ ޕެއާއެވެ.
މިއީ ރާއްޖެއިން މި މުބާރާތް ބޭއްވި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން މުބާރާތް ބާއްވަމުން އައިސް ކޮވިޑުގެ ބަލި މަޑުކަމުގެ ސަބަބުން މުބާރާތް ވަނީ ބޭއްވޭ ގޮތް ނުވެފައެވެ. އެހެންކަމުން މިއީ ކޮވިޑަށްފަހު ރާއްޖޭގައި ބެޑްމިންޓަންގެ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.