ބޭނުންވަނީ އިންޓަ މިލާނަށް ކުޅެ އެ ކުލަބުގެ ލެޖެންޑަކަށްވާން ކަމަށް ލައުޓާރޯ މާޓިނޭޒް ބުނެފިއެވެ.
އާޖެންޓީނާގެ އުމުރުން 25 އަހަރުގެ ފޯވާޑް އަންނަނީ އިންޓަ މިލާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ހޯދުމުގެ މަސައްކަތް ޖަރުމަނު ލީގުގެ ޗެމްޕިއަން ބަޔާން މިއުނިކާއި، ފްރާންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން ކުރަމުން އަންނަ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެ ދެ ކުލަބުން އޭނާއާ ވާހަކަ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ އިންޓަައިގައި އޭނާ ހުންނަތާ މިހާރު ފަސް އަހަރުވެއްޖެ ކަމަށެވެ. އޭނާ ބުނީ އިންޓައިގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން އުފަލުން ކަމަށާއި، ބޭނުންވަނީ އެ ކުލަބުގެ ލެޖެންޑަކަށްވާން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މީގެ އެއް އަހަރު ކުރިން އޭނާ އައު އެއްބަސްވުމެއް ހަދާފައިވާނެ ކަމަށާއި، ހުރިހާ ފޯކަސްއެއް ހުރީ އިންޓަ އަށް ކަމަށެވެ.
މާޓިނޭޒް އޭނާގެ ސީނިއާ ކެރިއަރު ފެށީ 2015 ވަނަ އަހަރު އާޖެންޓީނާގެ ރޭސިން ކުލަބުންނެވެ. އެ ކުލަބަށް ތިން އަހަރު ކުޅެދިނުމަށްފަހު އޭނާ 2018 ވަނަ އަހަރު ބަދަލުވީ އިންޓައަށެވެ. އެ ކުލަބުގެ އެއްބަސްވުން ނިމުނު އަހަރު މާޓިނޭޒް ވަނީ އައުކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް އިންޓައަށް ކުޅެދިން 195 މެޗުން 81 ލަނޑު ޖަހާފައެވެ. އެ ޓީމާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފައެވެ.