ވަގުތާއި ކެތްތެރިކަމާއި ފައިސާ ޓޮޓެންހަމްއަށް ބޭނުންވާކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
ކޮންޓޭގެ ވާހަކަތައް މިމޭރުމުން އައީ ޕްރިމިއަރ ލީގުގައި ވިދިވިދިގެން ދެ ވަނަ މެޗުން ބަލިވެ, ތިން ވަނަ މަގާމްގައި ލީޑް ގެއްލުމުންނެވެ. މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވި މެޗަށްފަހު, އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމް ވަނީ 2-1 ން ނިއުކާސަލް ޔުނައިޓެޑް އަތުން ވެސް ބަލިވެފައެވެ. ކޮންޓޭ ބުނީ އޭނާ އަތުގައި އޮތް ސްކޮޑް ކުރިއަރުވަން ވަގުތު ބޭނުންވާކަމަށެވެ. އޮގަސްޓް މަހު ކޮންޓޭ ބުނީ ސްކޮޑް ފުރިހަމަކުރަން ޓްރާންސްފަރުގެ ދެ ފުރުޞަތު އަދި ބޭނުންވާކަމަށެވެ. ނިއުކާސަލް އަތުން ބަލިވި މެޗަށްފަހު ވެސް ކޮންޓޭ ބުނީ ފައިސާ ބޭނުންވާކަމަށެވެ. އޭނާ އިޝާރާތްކުރީ ކުޅުންތެރިން ގަތުމަށް ފައިސާ ބޭނުންވާކަމަށެވެ.
ކޮންޓޭ ބުނީ ޕްރިމިއަރ ލީގާއި, ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭ ވަރުގެ ބޮޑު ސްކޮޑެއް އޭނާ އަތުގައި ނެތްކަމަށެވެ. މިވަގުތު ވެސް އަނިޔާގެ މައްސަލަތައް ޓޮޓެންހަމްއަށް ބޮޑެވެ. އެންމެފަހުން އަނިޔާވީ މިސީޒަންގައި ޓޮޓެންހަމްއަށް ބަދަލުވެ ރަނގަޅު ކުޅުމެއް ދައްކަމުން އައި ބްރެޒިލްގެ ރިޗާލިސަންއަށެވެ.
ސީޒަން ރަނގަޅަށް ފަށާ ރަނގަޅު ލީޑަކާ އެކު ތިން ވަނައިގައި އޮތް ޓޮޓެންހަމް މިހާރު ތިންވަނާގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކުއެވެ. ހަތަރު ވަނައިގައި ނިއުކާސަލް އޮތީ 21 ޕޮއިންޓާ އެކުއެވެ. ޓޮޓެންހަމް ތިން ވަނައިގައި އޮތީ 23 ޕޮއިންޓާ އެކުއެވެ. މެންޗެސްޓަރ ސިޓީ ދެ ވަނައިގައި އޮތީ 26 ޕޮއިންޓާ އެކުއެވެ.