ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތިން ވަނަ އަށް ޖެހިލައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ބެޓިސްގެ ދަނޑުގައި އެތުލެޓިކޯ އިން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ލީޑު ނެގީ ބެޓިސް އިންނެވެ. އެއީ އެ ޓީމުގެ ލުއިޒް ހެންރީކޭ ޖެހި ލަނޑުންނެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު ޖެހުމުގެ ކުރިން އެ ޓީމުގެ ބޯހާ އޮފްސައިޑުވެފައިވާ ކަމަށެވެ. އޭގެ ފަހުން މެޗުގެ 54 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ވަނީ ލަނޑު ޖަހައި އެތުލެޓިކޯ އަށް ލީޑު ނަގައިދީފައެވެ. އެއީ ކޯނަރެއްގައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގެ 71 ވަނަ މިނެޓުގައި އެތުލެޓިކޯގެ ދެ ވަނަ ލަނޑު ގްރީޒްމަން ޖެހީ މަތިއުސް ކުންހާ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގައި ބެޓިސްގެ ހަމައެކަނި ލަނޑު 84 ވަނަ މިނެޓުގައި ޖެހީ ނަބިލް ފެކީރްއެވެ.
މެޗުން މޮޅުވެ އެތުލެޓިކޯ ތިން ވަނަ މަގާމުގައި އޮތީ 11 މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ބެޓިސް އޮތީ 11 މެޗުން 20 ޕޮއިންޓާއެކު ފަސް ވަނަ މަގާމުގައެވެ.