ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ ބަލިކޮށް ބާސެލޯނާއިން ދެ ވަނައިގައި ހަމަޖެހިލައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމުން ބިލްބާއޯ ބަލިކުރީ 0-4 އިންނެވެ. އެއާއެކު ބާސެލޯނާ އާއި އެއް ވަނައިގައި އޮތް ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ.
މެޗުގައި ބާސެލޯނާގެ ފުރަތަމަ ތިން ލަނޑު ފެނުނީ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ފަހު ލަނޑު ފެނުނީ ދެ ވަނަ ހާފުގައެވެ. ބާސެލޯނާ އަށް ލީޑު ނަގައިދިނީ މެޗުގެ 12 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭއެވެ. އެއީ ބިލްބާއޯގެ އޭރިޔާ ބޭރުން ރޮބާޓް ލެވަންޑޯސްކީ ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ ސާޖި ރޮބާޓޯއެވެ.
ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ މި ސީޒަންގައި އެ ޓީމަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަންޑޯސްކީއެވެ. އެއީ މެޗުގެ 22 ވަނަ މިނެޓުގައި ޑެމްބެލޭ އޭރިޔާ ތެރެއަށް ދިން ބޯޅައެއް ބިލްބާއޯގެ ޑިފެންޑަރެއް ކައިރިން ނައްޓައި ގޯލަށް ފޮނުވާލައިގެންނެވެ. މިއީ ބާސެލޯނާ އަށް ބަދަލުވި ފަހުން އެ ކުލަބަށް އޭނާ ޖަހައިދިން 17 ވަނަ ލަނޑެވެ. ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި މިވަގުތު އޮތީ ވެސް އޭނާއެވެ. އެއީ 12 ލަނޑާއެކުއެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ފެރާން ޓޮރޭސްއެވެ. ފެރާން ވެސް ލަނޑު ޖެހީ ޑެމްބެލޭ ދިން ބޯޅައަކުންނެވެ. މެޗުގައި ޑެމްބެލޭ ވަނީ އެސިސްޓް ހެޓްރިކެއް ހަދާފައެވެ.
މެޗުން މޮޅުވެ ބާސެލޯނާ އޮތީ ކުޅުނު 11 މެޗުން ލިބުނު 28 ޕޮއިންޓާއެކު ދެ ވަނަ މަގާމުގައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެން ޗެމްޕިއަން ރެއާލް އެއް ވަނައިގައި އޮތީ 31 ޕޮއިންޓާއެކުއެވެ.