ކ. މާލެ
|
24 އޮކްޓޯބަރ 2022 | ހޯމަ 07:50
ޗައިނާގެ ރައީސް ޝީ ޖިންޕިންގ
ޗައިނާގެ ރައީސް ޝީ ޖިންޕިންގ
ބިޒްނަސް އިންސައިޑަރ
ޗައިނާގެ ރައީސް ޝީ ޖިންޕިންގ
ޝީ އަށް ތިން ވަނަ ދައުރެއް ދޭން ނިންމައިފި
ތިން ވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބު ކުރައްވާނީ އަންނަ އަހަރުގެ މާޗު މަހު
ކޮމިއުނިސްޓް ޕާޓީގެ އެންމެ އިސް ހަތް މެމްބަރުން ވަނީ އައްޔަނުކޮށްފައި

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް ތިން ވަނަ ދައުރެއް ދޭން އެ ޤައުމުގެ ވެރިކަން ކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓީ އިން ނިންމައިފިއެވެ.

އެ ޕާޓީ އިން އެގޮތަށް ނިންމާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދިޔަ ކޮމިއުނިސްޓު ޕާޓީގެ 20 ވަނަ ކޮންގްރެސްގައެވެ. މިއީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ކޮންގްރެސް އެކެވެ.

މި ކޮންގްރެސްގައި ޗައިނާގެ ހުރިހާ ޕްރޮވިންސަކުން 2،300 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވާއިރު ކޮންގްރެސްގައި ނިންމާފައިވަނީ ކުރިއަށް އޮތް ފަސް އަހަރަށް ކޮމިއުނިސްޓް ޕާޓިގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ޝީ ޖިންޕިންގ އާ ހަވާލު ކުރުމަށެވެ. އަދި ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަނުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް ވެސް އެމަނިކުފާނު ވަނީ އަލުން އައްޔަން ކުރައްވާފައެވެ.

މި ނިންމުމާ އެކު ޗައިނާގެ ރައީސްކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް ޝީ އިންތިޚާބު ކުރެވިގެންދާނެއެވެ. އެމަނިކުފާނު އިންތިޚާބު ކުރާނީ އަންނަ އަހަރުގެ މާޗު މަހު ބާއްވާ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައެވެ.

ކޮމިއުނިސްޓް ޕާޓިން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ސްޓޭންޑިން ކޮމިޓީއަށް ހަތް މެންބަރުން ވަނީ އައްޔަނުކުރައްވާފައެވެ. މީގެ ތެރޭގައި ޝީ ހިމެނޭއިރު ދެވަނަ އަށް ޕާޓީގެ އެންމެ ބާރުގަދަ މެމްބަރެއްގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ ކުރީގެ ޝެންހާއީ ޕާޓީގެ އިސްވެރިޔާ ލީ ކިއޭންގ އެވެ. އެހެންކަމުން ޗައިނާގެ ބޮޑުވަޒީރު ކަމަށް އޭނާ ވަޑައިގަންނަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

- ކޮމެންޓް