ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 18:02
ވ އާރަށު ހިޔާނާތުގެ މައްސަލަ
ވ އާރަށު ހިޔާނާތުގެ މައްސަލަ
ރާއްޖެއެމްވީ
ޔާމީންގެ ޝަރީއަތް
މިހާރު ޝަރީއަތްދާ ގޮތުން މި އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ޝަރީއަތް ނިމޭނެ ކަމަށް ލަފާކުރެވޭ - ޕީޖީ
ވ.އާރަށުގެ އަގު ކުޑަކުރަން ދެފަހަރެއްގެ މަތިން ޔާމިން އެންގެވި
5 މިލިއަން ޑޮލަރަށް ދޫކުރުމަށް ކަނޑައެޅި ރަށް ދޫކޮށްފައިވަނީ 2 މިލިއަން ޑޮލަރަށް

ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް މިހާރު ދާ ގޮތުން މި އަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ޝަރީއަތް ނިމޭނެ ކަމަށް ލަފާކުރެވޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ވ.އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ތުހުމަތެވެ. މި މައްސަލަ އާއި ގުޅިގެން "ރާއްޖެ އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވި މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށާއި އެ ދުވަހު އޮންނާނީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުން ކަމަށެވެ. އެއަށް ފަހު ތާވަލް ކުރާނީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުން ކަމަށާއި އެއަށް ފަހުން އޮންނާނީ މައްސަލަ ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދެން އޮންނަ އަޑު އެހުމެއް ބާއްވާތާ 30 ވަރަކަށް ދުވަހުގެ ތެރޭގައި މި މައްސަލަ ނިމޭނެ ކަަމަށް ލަފާކުރެވޭތީ މި އަހަރުގެ ނިޔަލަށް މި މައްސަލަ ނިމޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީންގެ ފަރާތުން ދޮގު ހެކި ހުށަހެޅިކަމަށް ބުނާތީ އެކަމާއި ގުޅިގެން ދިފާއީ ވަކީލުން ވަނީ ވަގުތުކޮޅެއް ބޭނުންވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. ދައުލަތުން އެކަމަށް އިންކާރު ކުރެއްވި ނަމަވެސް މައްސަލައާ ހަވާލުވެ ހުންނެވި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވެސް ނިންމަވާފައި ވަނީ މި މައްސަލައިގައި ތިން އަޑުއެހުމެއް ބޭއްވުމަށެވެ. އަދި ހެއްކާ ގުޅޭ ގޮތުން ބާއްވާ އަޑުއެހުން ފަސްކުރެވެން އޮތް ނަމަ އެ ކަމެއް ވީހާވެސް އަވަހަަށް އަންގަވާނެ ކަމަށް ގާޒީ ވަނީ އޭރު ފާހަގަކުރައްވާފައެވެ.

މިމައްސަލައިގައި ދައުވާކުރަމުން ޝަރީއަތުގައި ދަޢުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު  ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރ އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ.

އޭގެ 3 ދުވަސް ފަހުން އެ ޗެކް ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައި ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

- ކޮމެންޓް