ދިރާގު ޓީވީގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދިރާގުން ބުނީ ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ޤަވާއިދަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން މިއަހަރު ގެނައި ބަދަލާއި ގުޅިގެން ދިރާގު ޓީވީ ލައިސަންސް އައުކުރުމުގެ ފުރުސަތު މިވަގުތު ދިރާގަށް ބަންދުވެފައި ވީނަމަވެސް، އެކުންފުނިން ތިބީ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.
މިކަމާއި ގުޅިގެން އެކުންފުނިން ކަމާއި ބެހޭ މުއައްސަސާތަކާއި އަދި އެމްބީސީ އާއި މަޝްވަރާކުރަމުންދަނީ ދިރާގަށް ލައިސަންސް އައުކުރެވޭނޭ ގޮތެއް ހޯދުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސަންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުގެ ކަސްޓަމަރުންނަށް ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ވަނީ ބުނެފައެވެ.
ދިރާގާއި ކަމާއި ބެހޭ މުއައްސަސާތަކާއިއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާއި ޙިއްސާކުރާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ދިރާގު ޓީވީފެށުމާއި އެކު ކަސްޓަމަރުންގެ ފަރާތުން އެޚިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔައެވެ. އަދި މިކަމަށްޓަކައި ދިރާގު ޓީވީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ބޭނުން ކުރައްވަމުންދާ އެތައް ހާސް ކަސްޓަމަރުންނަށް އެ ކުންފުނިން ޝުކުރުއަދާކޮށްފައިވެއެވެ. ކަސްޓަމަރުންނަށް ދެމުންދާ މިޚިދުމަތް ކުރިޔަށް ގެންދެވޭނޭ ގޮތެއް ވޭތޯ ބެލުމަށް އަދިވެސް އެކުންފުނިންދަނީ މަސައްކަތް ކުރަމުންނެވެ.
ދިރާގު ޓީވީގެ ޚިދުމަތް ކުރުމުއްދަތެއްގެ ތެރޭގައި ވަނީ ރަނގަޅު ފެންވަރެއް ގައި ފޯރުކޮށްދީ، އަދި އަގު ގައި އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަން ގައި ރާއްޖޭގެ %85 ގޭބިސީއަށް (90 ރަށަށް) ލިބުމުގެ މަގު ފަހިކޮށްދީފައެވެ.