ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 13:17
މޫސުން
މޫސުން
ޙުސައިން މަޚްތޫމް
މޫސުން ގޯސްވުން
މޫސުން ގޯސް، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކުރާނެ

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ކަމަށެވެ. އެ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:40 އިން ހަވީރު 4:30 އާއި ހަމައަށެވެ. އެ ސަމާލުގައި އިތުރަށް ބުނެފައިވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން، 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ހަމައެހެންމެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ އާދައިގެވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓް ހުންނާނެ ކަމަށެވެ.

- ކޮމެންޓް