ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 11:33
ބާބާ ގާޑިޔާ
ބާބާ ގާޑިޔާ
ފޭސްބުކް
ބާބާ ގާޑިޔާ ސޯލާ ހަކަތަ އަށް ބަދަލުކުރުން
ކަރަންޓު ނެތިގެން ރައީސް އަށް ސައި ނުހެދުން، ވިސްނީ ވަރަށް ޕޮޒިޓިވްކޮށް - ބާބާ ގާޑިޔާ ސޯލާ ހަކަތަ އަށް
ސޯލާޕެނަލް ހަރުކުރަން އިރުޝާދު ދެއްވީ ފެނަކައިގެ އެމްޑީ ސައީދު
މިހާރު އަތީގު ހުރީ ކުރިން ނުދެވުނު "ޗާއި" ރައީސް އަށް ފޯރުކޮށްދެވޭނެ ދުވަހެއް ދާދި އަވަހަށް ފެނުމުގެ އުންމީދުގައި

މީގެ އެތައް މަހެއް ކުރިއެވެ. އެ ދުވަހަކީ ފުވައްމުލަކުގެ އިތުރުން މުޅި ރާއްޖެ އަށް ނަން މަޝްހޫރު ބާބާ ގާޑިޔާ އާއި އެ ގާޑިޔާ ހިންގުމުގެ މޭސްތިރީ ހަސަން އަތީގް އަށް ޚާއްސަ ދުވަހެކެވެ. ފުވައްމުލަކު ރީތި ތުނޑީގައި ކުރިއަށް ދިޔަ ސާދާ ހަރަކާތުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަށް ބާބާގާޑިޔާގެ މަގްބޫލު، މީރު މީރު "ޗާއި" ނުވަތަ ސައިގެ ރަހަ ދައްކާލުމަށް އޭނާ ހުރީ އިންތިޒާރުކޮށްގެންނެވެ. އެތައް ބައެއްގެ ތައުރީފާއި ފޮނި ބަސްތައް ރައްދުވަމުން ދިޔަ މި ސަޔަށް އިންސާފުކޮށްލުމުގެ ފުރުސަތު ރައީސް އާއި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ހޯދާދިނުން ވެގެން ދިޔައީ އަތީގް އަށް ލިބުނު އުފަލަކަށެވެ.

އެހެންނަމަވެސް އެ ދުވަހު ކަންހިނގައި ދިޔައީ ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. ކަންދިމާކުރި ގޮތުން ރައީސް "ބާބާ ގާޑިޔާ" އަށް ވަޑައިގެންނެވި ވަގުތު ނަސީބު ނިޔާ ކުރީ ނިކަން ހިތްދަތި ގޮތަަކަށެވެ. ކަރަންޓު ނެތުމުން އެއްކަލަ "ޗާއި" ރައީސް އާއި ހަަމައަށް ފޯރުކޮށްދެވޭ ގޮތެއް ނުވިއެވެ. އޭރު އެތަނަށް ރައީސްގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުއެވެ. ކަރަންޓާއި ގުޅޭ ކަމެއް ދިމާވީމަ ސައީދު އަށް ފެނިވަޑައިގަތް ހައްލެއްގެ ލަފާ ސައީދު އަތީގަށް ދެއްވިއެވެ. އެ އިރުޝާދަކީ ބާބަ ގާޑިޔާ ސޯލާކޮށްލުމުގެ ވާހަކައެވެ.

"ރާއްޖެ ޓީވީ" އަށް މައުލޫމާތުދެމުން އަތީގު ބުނީ ސޯލާ ހަކަތައަށް ބާބާ ގާޑިޔާ ބަދަލުކޮށްލައިފި ނަމަ ކަރަންޓް ނުލިބުމުގެ މައްސަލަ ދިމާ ނުވާނެ ކަމަށާއި އެއީ ތިމާވެއްޓަށް ބަލާ އިރު ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ސައީދު ފާހަގަކުރެއްވި ކަމަށެވެ. ރައީސް އަށް "ޗާއި" ނުލިބުމުގެ މާޔޫސްކަން ދޫކޮށް ގާޑިޔަ ސޯލާ ކުރުމުގެ މަސައްކަތައިގެން އޭނާ އަވަސްވެގަތެވެ.

އޭގެ އެތައް މަސް ދުވަހެއް ފަހުން މިއަދު ދުނިޔޭގެ ހަކަތައިގެ ދުވަސް ބާބާ ގާޑިޔާ އިން ފާހަގަކުރަނީ ސޯލާ ޕެނަލް މެދުވެރިކޮށް ޚިދުމަތްދޭ މިފަދަ ފުރަތަމަ ތަނަށް ވުމުގެ ޝަރަފާއި އެކުގައެވެ.

ބާބާ ގާޑިޔާއަކީ މި ރާއްޖޭގައި މިގޮތަށް ސޯލާ ޕެނަލް ހަރުކުރެވި ޚިދުމަތްދޭ ހަމައެކަނި ގާޑިޔާކަން ފާހަގަ ކުރަން. މިފަދަ އަގުހުރި ފުރުސަތެއް އަޅުގަނޑަށް ދެއްވައި ވެފައިވާ ވަޢުދުގައި ހަޤީޤީކުލަޖައްސަވައި ދެއްވީތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ސޯލިޙް އަށާއި ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އަލްފާޟިލް އަޙްމަދު ސަޢީދު މުޙައްމަދު އާއި ފުވައްމުލައްސިޓީ އުތުރު ދާއިރާގެ މަޖިލީސް މެމްބަރ ދޮންބެ ރަޝީދު އާއި ސޯލާ ހަރުކޮށްދިން ފެނަކަ ޓީމަށާއި މިކަމުގައި އެހެނިހެން ގޮތްގޮތުން އެހީވެދިން ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން
އަތީގް

ބާބާ ގާޑިޔާގައި ހަރުކޮށްފައިވާ ސޯލާ ޕެނަލް އަކީ އާއްމުކޮށް ހަރުކުރާ ސޯލާ ޕެނަލްތަކާއި ތަފާތު ޕެނަލްއެކެވެ. ހޯމް ސޯލާ އާއި ތަފާތު މި ސޯލާ ޕެނހަލްތަކަކީ މިއީ މޮބައިލް ހަކަތަ ލިބޭގޮތަށް ހަރުކޮށްފައިވާ އެއްޗެހިތަކެކެވެ. ބާބާ ގާޑިޔާ އަކީ ހަކަތައިން ކަރަންޓް ލިބޭ ގާޑިޔާއަކަށް ބަދަލުވެފައި ވާއިރު އާއްމުންގެ ފަރާތުން ލިބޭ ކޮމެންޓްތައް ވަރަށް ޕޮޒިޓިވްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަދި މީހުންނަށް އެނގުނީ މިއަދު. އެކަމަކު ވަރަށް ޕޮޒިޓިވް މީހުންގެ ރިއެކްޝަން. އަޅުގަނޑުގެ ފޭސްބުކް ކޮންޓެކްސް ތެރޭގައި ހިމެނޭ ޔޫރަޕް މީހުން ވެސް ވަރަށް ތައުރީފް ކުރި މިކަމަށް. އެ މީހުން ވަރަށް ޕޮޒިޓިވް.
އަތީގް

މިހާރު އަތީގު ހުރީ ކުރިން ނުދެވުނު "ޗާއި" ރައީސް އަށް ފޯރުކޮށްދެވޭނެ ދުވަހެއް ދާދި އަވަހަށް ފެނުމުގެ އުންމީދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް