އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަން ރޮނާލްޑޯ ބޭނުން ނުވި ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.
ޓޮޓެންހަމް އަތުން 2-0ން ޔުނައިޓެޑް މޮޅުވި މެޗުގައި އެޓީމުން ވަނީ މި ސީޒަންގައި ނުދައްކާފަދަ މޮޅު ކުޅުމެއް ކުޅެފައެވެ. ނަމަވެސް ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެމެޗުގައި ކުޅެން ނާރުވައެވެ. މިކަމުގެ ރުޅިގަނޑުގައި ރޮނާލްޑޮ ވަނީ މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ގޮސްފައެވެ.
މިކަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ކޯޗު ޓެން ހާގް ބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަން އެމެޗުގައި ރޮނާލްޑޯ ދެކޮޅު ހެދި ކަމަށެވެ.
އެއީ ރޮނާލްޑޯގެ އަޚްލާގީ މައްސަލައެއްކަމަށް ބަލާ ޔުނައިޓެޑުން ވަނީ އޭނާއަށް އަދަބުދީފައެވެ. އެގޮތުން ހޮނިހިރު ދުވަހު ޗެލްސީއާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ސްކޮޑުން ރޮނާލްޑޯ ވަނީ ބާކީ ކޮށްފައެވެ.
ޓެން ހާގް ބުނީ ޓީމުގެ މެނޭޖަރަކީ އޭނާ ކަމަށާއި، ޓީމުގެ އުސޫލުތައް ހިފެހެއްޓުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވަކި ކުޅުންތެރިއަކަށް ޚާއްސަ އިސްކަމެއް ދިނުމުގެ ބަދަލުގައި މުޅި ޓީމަށް އެންމެ ފައިދާ ވާނެ ގޮތަށް އަމަލުކުރާނެކަންވެސް ޓެން ހާގް ފާހަގަކުރިއެވެ. ޓެން ހާގް ބުނީ ޗެލްސީ މެޗަށް ޓީމު ދަތުރު ކުރާއިރު ރޮނާލްޑޯ ހުންނާނީ އިނގިރޭސިވިލާތުގައި އަމިއްލައަށް ފަރިތަކުރުމުގައި ކަމަށެވެ.