ކ. މާލެ
|
21 އޮކްޓޯބަރ 2022 | ހުކުރު 13:11
ހުކުރު ނަމާދު
ހުކުރު ނަމާދު
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ގިނަ ބައެއްގެ ނަމާދުގެ ތިލަފަތް ވަނީ ލުއިވެފައި: ޚުތުބާ
މިއަދުގެ ޒުވާނުން ނަމާދާ ދުރުވާކަން ފާހަގަކުރެވުމަކީ ހިތާމަހުރި ކަމެއް
ނަމާދު ކުރުމަކީ ފާފަ ފުއްސަވާ ކަމެއް
މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުމާ ހަމައަށް ދަތުރު ކުރެވޭނީ ނަމާދަށް ރައްކާތެރިވެގެން

ގިނަ ބައެއްގެ ނަމާދުގެ ތިލަފަތް ލުއިވެފައިވާ ކަމަށާއި ޚާއްސަކޮށް މިއަދުގެ ޒުވާނުން ދުވަހެއް ދުވަހަކަށް ނަމާދާއި ދުރުހެލިވަމުންދާކަން ފާހަގަކުރެވޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މި ހަފްތާގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ނަމާދުގެ މުހިންމު ކަމަށެވެ. އެގޮތުން، ނަމާދަކީ ދީނުގެ ދެވަނަ ތަނބު ކަމަށާއި އެއީ އަޅާ އާއި ކާފިރު ކަމާ ދެމެދުގައިވާ ހުރަހެއްކަން ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ނަމާދު ދޫކޮށްލާ މީހާ މުގުރާލަނީ ދީން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ނަމާދު ކުރުމުން މާތްﷲ އަޅުތަކުންގެ ފާފަ ފުއްސަވައިދެއްވާނެ ކަމަށާއި އެއީ ހިތަށް ހަމަޖެހުން ލިބޭފަދަ އަޅުކަމެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކޮންމެ ފަހަރަކު ނަމާދު ކުރެއްވުމަށް އަވަސްވެވަޑައިގަންނަވާ ކަމުގައި ވާރިދުވެފައިވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ނަމާދަކީ ކިތަންމެ ބޮޑު ބައްޔެއް ތަހައްމަލު ކުރަން ޖެހޭ މީހާ ވެސް އަދާ ކުރަން ޖެހޭ އަޅުކަމަކަށްވާއިރު މިއަދު ގިނަ ބަޔަކު ނަމާދު އަޅާ މަންޒަރު ފެންނަކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން، ބައެއް މީހުން ބަލިވުމުން ނަމާދު ދޫކޮށްލާ ކަަމަށާއި އެފަދަ މީހުންނަށް ނަމާދު ކުރުންވެފައި އޮންނަނީ ބޮޑު ބުރައަކަށް ކަމަށާއި ބައެއް މީހުން ބަލިވުމުން ނަމާދު ދޫކޮށްލަނީ ޤަޟާ ކުރާނެ ކަމުގެ ނިޔަތުގައި ކަަމަށްވި ނަމަވެސް ބަލީގައި މަރުވެއްޖެ ނަމަ އެއީ އުޒުރެއް ކަމުގައި ބަލައި ނުގަންނާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ކިތަންމެ ބަލި ބޮޑުވިޔަސް، ބަލި މީހާއަށް ވެސް ނަމާދު އެޅުމެއް ނުވޭ. މިއަދު އަހަރުމެންނަށް ފެންނަނީ މިއާ ޚިލާފު މަންޒަރެއް. ބައެއް މީހުން، ބައްޔެއް ވެލާއިރަށް ނަމާދުނުކޮށް ދޫކޮށްލާތަން. އެފަދަ މީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށް. ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދު ޤަޟާ ކުރާނެ ކަމުގެ ނިޔަތުގައި، އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާ ނަމާދު އެޅުމަށް އޮތް އުޒުރެއް ކަމަށް ދެކިގެން. މިއީ ވަރަށް ބޮޑު އޮޅުމެއް. މިގޮތަށް ޤަޟާ ކުރުމަށް ނިޔަތް ގަނެގެންވެސް ނަމާދު އެޅުމަކީ ހުއްދަވެގެންވާ ކަމެއް ނޫން.
ހުކުރު ޚުތުބާ

ޝައިތާނާ މުސްލިމުން ނަމާދާ ދުރުކުރުމަށް މަކަރާއި ހީލަތުން މަސައްކަތް ކުރާނެކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ މިއަދު މުސްލިމުންގެ ހާލަތަށް ބަލާއިރު ގިނަ ބައެއްގެ ނަމާދުގެ ތިލަފަތް ލުއިވެފައިވާ ކަމަށެވެ. ނަމާދަށްވުރެ އެހެނިހެން ކަންކަމަށް އިސްކަންދޭ މިންވަރު އިތުރުވެފައިވާ ކަމަށާއި ޚާއްސަކޮށް ޒުވާނުން ދުވަހެއް ދުވަހަކަށް ނަމާދާ ދުރުހެލިވުމަކީ ހިތާމަހުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިސްކިތްތައް ގިނަވެފައި ތާޅަފިލިތަކާއި ޓީވީ އާއި ރޭޑީއޯ ފަދަ ވަސީލަތްތަކުން ނަމާދަށް ގޮވާ އަޑު އިވުނު ނަމަވެސް، ނަމާދު އަޅާ މީހުން މަދު ނޫން ކަން ވެސް ޚުތުބާއި ވަނީ ފާހަގަކޮށްފައެވެ. ޚުތުބާގައި ބުނީ ނަމާދު ވަގުތުތަކަށް ފަރުވާތެރިވެ، ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމާދަށް ހޭނުވުން މުހިންމު ކަމަށެވެ.

އިސްލާމީ ޤައުމެއްގައި މުސްލިމް ދަރިންތަކެއް މިސްކިތްތަކުން ބަންގި ގޮވައި، ނަމާދު ކުރެވޭ ވަގުތުގައި، ނަމާދުނުކޮށް ކުޅިވަރާއި އެހެނިހެން ހަރަކާތްތަކުގައި ގެންގުޅުމަކީ އެކުދިންގެ ތަރުބިއްޔަތަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެއް،
ހުކުރު ޚުތުބާ

މުސްލިމުންގެ މައްޗަށް ފަސް ވަގުތު ނަމާދު ފަރުޟު ކުރައްވާފައިވާއިރު މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުމާ ހަމައަށް ދަތުރު ކުރެވޭނީ ނަމާދަށް ރައްކާތެރިވެގެންކަން ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެކަހިރިކޮށް ކުރާ ނަމާދަށްވުރެ ޖަމާއަތުގައި ކުރާ ނަމާދުގެ ސަވާބު 27 ދަރަޖަަ އިތުރުކަން ފާހަގަކޮށް ޚުތުބާގައި ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުރިހާ މުސްލިމުންނަށް ބާރު އަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް