ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 09:41
މަރިޔަމް ޝިފްޒާން
މަރިޔަމް ޝިފްޒާން
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް
ފީޗަރ ރިޕޯޓު
ޝިފްޒާން: ގޮންޖެހުންތައް ހުރަސްކޮށް ރާއްޖޭގެ ހަމައެކަނި އަންހެން އެއަރކްރާފްޓު މެއިންޓެނެންސް އިންޖިނިއަރަށް
އިންޖިނިއަރިން ދާއިރާއަކީ އަންހެނުންނަށް ކުރިއަށްދެވޭނެ ދާއިރާއެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރޭ
މިއަދު އޭނާއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީނިއަރ އެއާވަރދިނަސް އިންޖިނިއަރެއް
މިއީ ކުރިއަށްދާން ފަސޭހަ އަދި މުސްތަގުބަލެއް އޮތް ދާއިރާއެއް

ވަކި ކަހަލަ މަސައްކަތަކީ ވަކި ޖިންސަކަސް ކުރެވޭ މަސައްކަތެކޭ ބުނާ މީހުން އަދިވެސް މަދެއް ނޫނެވެ. އަންހެނުންނަށް ކުރެވޭނެ މަސައްކަތްތަކާއި ފިރިހެނުންނަށް ކުރެވޭނެ މަސައްކަތްތައް ލޭބަލްކުރެއެވެ. ވަކި ކަހަލަ މަސައްކަތެއް އަންހެނަކު ކުރާނަމަ އޭނާއަކީ ފިރިހެނެކޭ ބުނެއެވެ. ހަމަ މިފަދައިން ފިރިހެނުންނަށްވެސް މިފަދަ އެތައް ބަހެއް އަމާޒުކުރާއިރު މިއީ ބަދަލުކުރަންވެއްޖެ ވިސްނުމެކެވެ. ޝިފްޒާންވެސް ދެނީ ހަމަ މިފަދަ ވަރުގަދަ މެސެޖެކެވެ.

މަރިޔަމް ޝިފްޒާން އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީނިއަރ އެއާވަރދިނަސް އިންޖިނިއަރެކެވެ. އޭނާއަކީ މިވަގުތު ރާއްޖޭގައި ހުރި ހަމައެކަނި އަންހެން އެއަރކްރާފްޓް މެއިންޓެނެންސް އިންޖިނިއަރސް ލައިސަންސް ހޯލްޑަރ ވެސްމެއެވެ. އޭނާއަށް މިހާ ހިސާބަށް އާދެވިފައިވަނީ ނުހަނު ގިނަ ގޮންޖެހުންތަކަކާއެކުއެވެ. އިންޖިނިއަރިންގެ ދާއިރާއަކީ އަންހެނުންނަށް ކުރިއަށްދެވޭނެ ދާއިރާއެއް ކަމެއް މުޖުތަމައުން ގަބޫލެއް ނުކުރެއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ޝިފްޒާން ބުނީ މިއީ އަންހެން ކުއްޖަކަށް ވާނެ ކަމެއް ކަން އޭރު އިންޑަސްޓްރީގައި މަސައްކަތްކުރި ބައެއް ފަރާތްތަކުން ގަބޫލެއް ނުކުރާ ކަމަށެވެ. އޭރު އޭނާ މަސައްކަތްކުރީ އައިލެންޑް އޭވިއޭޝަންގައި ޓެކްްނިޝަނެއްގެ މަގާމުގައެވެ. އެއަރކްރާފްޓް މެއިންޓެނެންސް އިންޖިނިއަރސް ކޯސް ހަދާފައިވަނީ އޭގެ ފަހުންނެވެ. އޭނާ ބުނިގޮތުގައި 2006 ވަނަ އަހަރު ކޯސް ހަދާ ނިމުނުފަހުން މި ދައިރާގައި އޭނާއަށް އެއްބާރުލުން ލިބުނު މިންވަރު ބޮޑުވެފައިވާކަމަށެވެ. އަދި ކުރިއަށްދާން އިތުރު ހިތްވަރެއް ލިބުނު ކަމަށް ވިދާޅުވިއެވެ.

ޝިފްޒާން ބުނީ އޭވިއޭޝަން އިންޑަސްޓްރީއަކީ އަންހެން ކުދިންނަށްވެސް ފުރުސަތު އޮތް، ސަޕޯޓު ލިބޭ އިންޑަސްޓްރީއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. މިހާރު މީހުންގެ ވިސްނުންވެސް ކޮންމެވެސް ވަރަކަށް ބަދަލުވަމުން ދިއުމާއި، މުސްތަގުބަލަށް ބަލާއިރު މިއީ އަންހެން ކުދިން ކުރިއަށްދާން ވަރަށް ރަނގަޅު ދާއިރާއެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.

ޝިފްޒާން ބުނިގޮތުގައި މި ދައިރާއަކީ ކުރިއަށްދާން އުނދަގޫ ދާއިރާއެއް ނޫނެވެ. މަސައްކަތްކުރަން ބޭނުންވާ އަދި މަސައްކަތްކުރާހިތްވާ ކުއްޖަކު ކުރިއަށްދާން މިއީ ރަނގަޅު ދާއިރާއެއް ކަމަށާއި، މިހާރުވެސް މި ދާިއރާގައި މަސައްކަތްކުރާ އަންހެން ކުދިން އެބަތިބި ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ޝިފްޒާން ބުނިގޮތުގައި މި ދާއިރާއަކީ މުސްތަގުބަލެއް އޮތް ދާއިރާއެކެވެ. މި ދާއިރާގައި ފުރުސަތުތައް ފަހިކަން އޭނާ ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

އަޒުމެއް އޮތިއްޔާ އެއްވެސް ކަމަކީ ކުރަން އުނދަގޫ ކަމަކަށް ނުވާނެއެވެ. ކޮންމެ ކަމަކަށްވެސް ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
20 އޮކްޓޯބަރ 2022 | ބުރާސްފަތި 18:38
މއ
ކޮންގްރެޓްސް ގާރލް ❤