ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 08:10
ބާސެލޯނާގެ ކޯޗު ޒަވީ
ބާސެލޯނާގެ ކޯޗު ޒަވީ
ޓްވީޓަރ
ބާސެލޯނާ
ބޮޑު ޚަރަދުކޮށް ބާސެލޯނާ އަށް ތަށި ނުހޯދިއްޖެނަމަ ޒަވީ އަށް ބިރު ބޮޑު
 
ޒަވީ ބުނީ ކުލަބުން ކުރި މަސައްކަތާއި، ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ތައްޓަށް ވާދަކުރަން ޖެހޭނެ ކަމަށް

އައު ސީޒަނަށް ބާސެލޯނާ އިން ކުރި ބޮޑު ހޭދައާއެކު އެ ޓީމަށް ތަށި ނުހޯދޭނަމަ އޭނާ އަށް ބިރު އޮތް ކަމަށް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބާސެލޯނާގެ ކޯޗު ޒަވީ މިހެން ބުނީ ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ވިލަރެއާލާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިންނެވެ. ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާ އިން އައު ސީޒަނަށް ކުޅުންތެރިން ހޯދުމަށް 150 މިލިއަން ޕައުންޑު ހޭދަކޮށްފައިވެއެވެ. އެ ޓީމުން ވަނީ ރޮބާޓް ލެވަންޑޯސްކީ އާއި ޖޫލްސް ކޫންޑޭ އާއި ރަފީނިއާ އާއި އެންޑްރިއަސް ކްރިސްޓެންސެން އަދި ފްރޭންކް ކެސިއޭ ހޯދާފައެވެ.

އައު ކުޅުންތެރިންނާއެކު ވެސް މި ސީޒަންގައި ބާސެލޯނާގެ ނަތީޖާ ރަނގަޅެއް ނޫނެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެ ޓީމު އޮތީ އަމިއްލަ ބާރު ގެއްލިފައެވެ. ސްޕެނިޝް ލީގުގައި އެއް ވަނައިގައި އޮތް ނަމަވެސް ރެއާލް މެޑްރިޑު އަތުން ބަލިވެ މިހާރު ވަނީ ދެ ވަނަ އަށް ވެއްޓިފައެވެ.

ޒަވީ ބުނީ ކުލަބުން ކުރި މަސައްކަތާއި، ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، ތައްޓަށް ވާދަކުރަން ޖެހޭނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބާސެލޯނާ އަށް ތަށިތައް ނުހޯދި މޮޅު ނުވެވިއްޖެ ނަމަ، ރައީސް ޖޯން ލަޕޯޓާ ބުނި ގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެ ބަދަލު ފެށޭނީ އޭނާއާ ހަމައިން ކަމަށް ވެސް ޒަވީ ބުންޏެވެ. އިތުރަށް ޒަވީ ބުނީ އެކަންކަން ނުވެއްޖެ ނަމަ އައު ކޯޗެއް އަންނާނެ ކަމަށެވެ. ނަމަވެސް ޒަވީ ބުނީ އެކަން ކާމިޔާބުކުރުމަށް އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އަހަރަމެންނަށް މޮޅު ނުވެވިއްޖެ ނަމަ، ރައީސް ބުނީ ގޮތަށް ކަންކަމަށް ބަދަލު އަންނާނެ. ބަދަލު ފެށޭނީ އަހަރެންނާ ހަަމައިން. އަހަރަމެންނަށް މޮޅު ނުވެވިއްޖެނަމަ، އައު ކޯޗެއް ވެސް އަންނާނެ. ނަމަވެސް އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން މިކަން ކާމިޔާބުވޭތޯ.
ޒަވީ ހެނާންޑޭޒް / ބާސެލޯނާގެ ކޯޗު

މީގެ އިތުރުން ޒަވީ ބުނީ ޓީމުގެ ހާލަތު އޮތީ އޮތް ގޮތަށް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބާސެލޯނާއިން ވަރަށް ރަނގަޅަށް ފެށި ނަމަވެސް، މިހާރު އޮތީ އެގޮތަކަށް ނޫނެވެ. ޒަވީ ބުނީ އެކަންކަމުގެ ސަބަބުން އޭނާ އަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. ހަރުފަތަކަށްފަހު ހަރުފަތަކުން ދާން ޖެހޭކަން ފާހަގަކޮށް ޒަވީ ބުނީ ރެއާލާ ދެމެދު ފަރަގު އޮތް ކަމަށެވެ.

ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ އިން ވިލަރެއާލާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
25%
25%
0%
25%
0%
ކޮމެންޓް