ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 17:37
ރައީސް ޔާޟިން އިންޑިއާ އައުޓް ޓީޝަރޓް އެއްގައި
ރައީސް ޔާޟިން އިންޑިއާ އައުޓް ޓީޝަރޓް އެއްގައި
ރާއްޖެއެމްވީ
އިންޑިއާ އައުޓް ބެނާ މައްސަލަ
"އިންޑިއާ އައުޓް" ބެނާ ނެގުމާއި ގުޅިގެން ރައީސް ޔާމީން ފުލުހުނާއި ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް ސިވިލްކޯޓުން ނިންމައިފި
އެ ބެނާ ނަގާފައި ވަނީ 20 އެޕްރިލް 2022ގައި
މި މައްސަލަ އަކީ މީގެ ކުރިން ހައިކޯޓުން އެ މައްސަލަ އާއި މެދު ގޮތެއް ނިންމާފައިވާ މައްސަލަ އެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނަގާފައި ވާތީ، ފުލުހުނާއި ދެކޮޅަށް ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ސިވިލްކޯޓުން ނިންމައިފިއެވެ.

ބުދަ ދުވަހު ބޭއްވި ސިވިލްކޯޓުގެ އަޑު އެހުމުގައި ފަނޑިޔާރު ވަނީ މި މައްސަލަ އަކީ މީގެ ކުރިން ހައިކޯޓުން އެ މައްސަލަ އާއި މެދު ގޮތެއް ނިންމާފައިވާ މައްސަލަ އެއްކަން ފާހަގަކުރައްވާފައެވެ. ހައިކޯޓުން މައްސަލަ އެއްގައި ގޮތެއް ނިންމާފައި ވަނިކޮށް އެ މައްސަލަ އެއް ދަށު ކޯޓެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތަށް ބަލާ އިރު 20 އެޕްރިލް 2022ގައި ފުލުހުންގެ އިދާރާއިން، ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގާފައި ވަނީ އެ އިދާރާއިން ތަހުގީގުކުރަމުން އައި ޖިނާއި މައްސަލައަކައި ގުޅިގެން، އަނގަބަހުންނާއި ލިޔުމުން އެ ބެނާ ނެގުމަށް އެންގުމުން އެ އެންގުމަށް އިޖާބަ ދީފައި ނުވާތީ ކޯޓު އަމުރަކާއި އެކުގައި ކަަމަށް ފުލުހުން ފާހަގަކުރައްވައެވެ. އެ ބެނާ ފުލުހުން ނަގާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތުކުރުމަށް ފަހުގައެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ. ބެނާ ދެމުމަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލެއްގެ ގޮތުގައި މާނަ ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ފާހަގަކުރައްވާފައެވެ. ބެނާ ނަގަން ނެރުނު އަމުރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ އަމުރެއް ކަމަށް އޭރުވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވެއެވެ.

ސިވިލް ކޯޓަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ މައްސަލައިގައި، އެ މައްސަލައިގައި ފުލުހުން އަމަލު ކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. "އިންޑިއާ އައުޓް" ބެނާ ނެގުމާއި ގުޅިގެން ރައީސް ޔާމީން ފުލުހުނާއި ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް ސިވިލްކޯޓުން ނިންމި އިތުރު ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަކުރެއްވީ އެ މަސައްލަ ބިނާވެފައި ވަނީ ދިވެހި ފުލުހުން ގާނޫނު އަސާސީ އިން ލިބޭ އަސާސީ ހައްގެއް ގެއްލިގެން ކަމަށް ބުނި ނަމަވެސް އެ ގެއްލުމަކީ ކޮބާކަން ބަޔާންކޮށްފައި ނުވުމެވެ. އަދި އެ މައްސަލައިގައި ބަދަލެއް ނަގާދިނުމަށް ވެސް އެދިފައި ނުވާ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

 

 

- ކޮމެންޓް