ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލަން އުޅުނު ދެ ގައިދީއަކު އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިިޒަންސް އަހުމަދު މުހައްމަދުފުޅު ހޯމަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ގައިދީން ފިލަން މަސައްކަތް ކުރީ ޖަލުގެ ފާރުމަތިން ފުންމާލައިގެން ކަމަށެވެ. ނަމަވެސް އެ ދެމީހުންނަށް ނުފިލެނީސް އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ އެ ހާދިސާ ހިނގާދިޔައި ގޮތް މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފަހު އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަން ފިޔަވާ އިތުރު ތަފުސީލެއް ކޮމިޝަނަރު ނުދެއްވައެވެ.
ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބެނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކުގައި ހިމެނޭ ގައިދީންނެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޖަލުން ގައިދީން ފިލާފައިވެއެވެ. މޮގޮތަށް ފިލައިގެން ދާ ގައިދީން ގިނަ ފަހަރަށް ހޯދައި އަލުން ހައްޔަރު ކުރެއެވެ.