ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 21:38
ގަތަރު ފީފާ ވޯލްޑް ކަޕް 2022
ގަތަރު ފީފާ ވޯލްޑް ކަޕް 2022
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
3 މިލިއަނެއްހާ ވޯލްޑް ކަޕް ޓިކެޓް ވިކިއްޖެ: އިންފަންޓީނޯ
މިފަހަރުގެ ވޯލްޑް ކަޕް ބެލުމަށް މިހާތަނަށް ވަނީ 2.89 މިލިއަން ޓިކެޓު ގަނެފައި

މިއަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ބެލުމަށް 3 މިލިއަނާ ގާތަށް ސްޓޭޑިއަމް ޓިކެޓް ގަނެފައިވާކަމަށް، ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ވޯލްޑް ކަޕް ބެލުމަށް މިހާތަނަށް ވަނީ 2.89 މިލިއަން ޓިކެޓު ވިކިފައެވެ. އެންމެ ގިނަ އަދަދަކަށް ޓިކެޓު ގަނެފައިވަނީ ގަތަރު، އެމެރިކާ އަދި ސައޫދީ އަރަބިއްޔާއިން ކަމަށް، މުބާރާތުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ކޮލިން ސްމިތު ވިދާޅުވިއެވެ.

އިންފަންޓީނޯ ހާމަކުރިގޮތުގައި، މުބާރާތާ ދިމާކޮށް މިހާތަނަށް ވަނީ 240،000 ހޮސްޕިޓާލިޓީ ޓިކެޓު ވިކިފައެވެ. ގަތަރުން އަންދާޒާކުރާގޮތުގައި މުބާރާތް ބެލުމަށް އެއް މިލިއަން މީހުން ދުނިޔޭގެ އެކި ގައުމުތަކުން ގަތަރަށް ޒިޔާރަތްކުރާނެއެވެ.

މިފަހަރުގެ މުބާރާތާ ދިމާކޮށް ގަތަރަށް ދަތުރުކުރާ ފަރާތްތަކުން "ހައްޔާ ފާސް" ހައްދަން ޖެހޭނެއެވެ. ހައްޔާ ފާސް ސަރވިސްގެ އިސްވެރިއަކަށް ހުރި ސާދް އައްސުވައިދީ ވިދާޅުވީ، ޖުމްލަ 1.5 މިލިއަނާ 1.7 މިލިއަނާ ދެމެދުގެ އަދަދަކަށް ހައްޔާ ފާސް ހޯދުމަށް އެކި ފަރާތްތަކުން އެދިފައިވާކަމަށެވެ. މެޗު ޓިކެޓު، ޓްރާންސްޕޯޓް ޓިކެޓް އަދި ފޭންޒޯންތަކަށް ވަނުމުގެ ހުއްދައިގެ އިތުރުން، ވިސާއެއްގެ ގޮތުގައިވެސް ނޮވެމްބަރު މަހުން ފެށިގެން ގަތަރުގައި ބޭނުންކުރާނީ ހައްޔާ ކާޑެވެ. ވޯލްޑް ކަޕްގެ މެޗު ބަލަން ނޫންގޮތަކަށް ގަތަރަށްދާ ފަރާތްތަކުންވެސް ނޮވެމްބަރު އެކަކުން ފެށިގެން މި ފާސް ހައްދަން ޖެހޭނެއެވެ.

- ކޮމެންޓް