އިޓާލިއަން ލީގުގައި ބޮލޯނިއާ ބަލިކޮށް ނަޕޯލީން އެއް ވަނަ މަގާމަށް އަލުން ޖެހިލައިފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޮލޯނިއާ އިންނެވެ. މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޯޝުއާ ޒީރްޒޭއެވެ. އެއީ ކަމްބިއާސޯ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ނަޕޯލީން ވަނީ ލަނޑެއް ޖަހައި ނަތިޖާ ހަމަހަމަކޮށްފައެވެ. ނަޕޯލީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖުއާން ޖީސޫސްއެވެ.
ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ނަޕޯލީން ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. 49 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ޖެހީ ހާވިން ލޮޒާނޯއެވެ. އޭގެ ދެ މިނެޓު ފަހުން ބޮލޯނިއާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ކަމްބިއާސޯ ދިން ބޯޅައެއް މޫސާ ބަރޯ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މެޗުން ނަޕޯލީ މޮޅުކޮށްދިން ލަނޑު ޖެހީ 69 ވަނަ މިނެޓުގައި ވިކްޓާ އޮސީމެއިންނެވެ.
މެޗުން މޮޅުވެ ނަޕޯލީ އެއް ވަނައިގައި އޮތީ10 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާއަށް ލިބެނީ 24 ޕޮއިންޓެވެ.