Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2022 | އާދީއްތަ 09:03
ރައީސް ޞާލިހު އެއަރޕޯޓުގައި
ރައީސް ޞާލިހު އެއަރޕޯޓުގައި
ރައީސް އޮފީސް
ދަނޑުވެރިންގެ ދުވަސް
ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކާށިދޫއަށް
ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެ
ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެ
2022 ވޮލީބޯލް ވަރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖްގެ މެޗުތައް ބައްލަވައި ލައްވައި، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މާލެއަތޮޅު ކާށިދޫއަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި، ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް އާދީއްތަ ދުވަހުގެ ރޭ، ކ. އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެއެވެ. އަދި، ޖަލްސާއަށް ފަހުގައި އޮންނަ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ކ. އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ވެސް ބައްދަލުކުރައްވާނެއެވެ.

އަދި ކާށިދޫ ހެލްތު ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި މިހާރު ކުރިޔަށްދާ "2022 ވޮލީބޯލް ވަރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖް" ގެ މެޗުތައް ބައްލަވައިލައްވައި، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް