ކ. މާލެ
|
15 އޮކްޓޯބަރ 2022 | ހޮނިހިރު 10:28
ރެއާލްގެ ފަރިތަކުރުންތަކުގެ ތެރެއިން، އަންޗެލޮޓީ
ރެއާލްގެ ފަރިތަކުރުންތަކުގެ ތެރެއިން، އަންޗެލޮޓީ
ޓްވިޓަރ
ރެއާލް މެޑްރިޑް
އަންޗެލޮޓީގެ މެސެޖެއް ރެއާލް ކުޅުންތެރިންނަށް: ބާސެލޯނާ މިހާރު އޮތީ މަރުވެފައި!
މިވަގުތު ސްޕެނިޝް ލީގުގެ އެއްވަނަ މަގާމުގައި ބާސެލޯނާ އޮތީ ފައިދާ ގޯލުން

ވާދަވެރި ބާސެލޯނާ މިހާރު އޮތީ "މަރުވެފައި"ކަމަށް ބުނެ، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީގެ މެސެޖެއް އެ ޓީމުގެ ކުޅުންތެރިންނަށް ފޮނުވައިފިއެވެ.

އަންޗެލޮޓީ މިފަދަ މެސެޖެއް ކުޅުންތެރިންނަށް ފޮނުވީ މި ސީޒަންގެ ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ރެއާލްގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނަން އޮތް މެޗުގެ ކުރިންނެވެ. މިވަގުތު ސްޕެނިޝް ލީގުގެ އެއްވަނަ މަގާމުގައި ބާސެލޯނާ އޮތީ ފައިދާ ގޯލުންނެވެ. ލީގުގެ އެއްވަނަ މަގާމު ދިފާއުކުރުމަށް، ބާސެލޯނާއަށް އެއީ މުހިންމު މެޗަކަށްވާއިރު، އަލުން އެއްވަނައަށް އަރަން ޗެމްޕިއަން ރެއާލަށްވެސް މެޗު މުހިންމެވެ.

ސްޕެއިންގެ ނޫސްވެރިއެއްކަަމަށްވާ ތޯސް ރޮންސެރޯއާ ހަވާލާދީ އެ ގައުމުގެ ޓީވީ ޗެނަލަކުން ބުނީ، އަންޗެލޮޓީ ރެއާލްގެ ކުޅުންތެރިންނަށް މެސެޖު ފޮނުވި ކަމަށެވެ. އަދި މިއީ ބާސެލޯނާއާ ދެކޮޅަށް ކުޅެ، އެ މީހުންނަށް "އަދަބު"ދޭން އެންމެ ރަނގަޅު ވަގުތުކަމަށް އަންޗެލޮޓީ ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހު ރެއާލުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ކުރިން، "ބާސެލޯނާ މިހާރު އޮތީ މަރުވެފައި"ކަމަށް އަންޗެލޮޓީ ބުނިކަމަށެވެ. އަދި ބާސެލޯނާއަށް އެކަމުން އަރައިގަނެވޭނެ ހަަމައެކަނި ގޮތަކީ ރެއާލް ބަލިކުރުންކަމަށް އޭނާ ބުނިކަމަށެވެ. އެހެންކަމުން އާދިއްތަ ދުވަހު ބާސެލޯނާ މޮޅުވިޔަދީގެން ނުވާނެކަމަށާއި، އެއީ ފައިނަލް މެޗެއް ކަމަށްވެސް އަންޗެލޮޓީ ބުނި ކަމަށެވެ.

ބާސެލޯނާ މިހާރު އޮތީ މަރުވެފަ. އަދި އެމީހުންނަށް އަރައިގަނެވޭނެ ހަަމައެކަނި ގޮތަކީ އާދިއްތަ ދުވަހު އަހަރުމެން ބަލިކޮށްގެން. އަހަރުމެން އެމީހުން މޮޅުވިޔަދީގެން ނުވާނެ. މިއީ ފައިނަލެއް.
އަންޗެލޮޓީ / ރެއާލް މެޑްރިޑުގެ ކޯޗު

ބާސެލޯނާއިން އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން، ދެވަނަ ބުރަށް ދިއުމަށް އަމިއްލަ ބާރު ވަނީ ކެނޑިފައެވެ. ސްޕެނިޝް ލީގުގައި މި ސީޒަންގައި ބާސެލޯނާ ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، ރެއާލް މެޗުން މޮޅުވުމަކީ މަޖުބޫރު ކަމެކެވެ. އިންޓަރ އަތުން އެއްވަރުވުމާއެކު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްއަށް ޕްރެޝަރު ބޮޑުކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

- ކޮމެންޓް