އިއްޔެ ހަވީރު މުޅި ރާއްޖެއަށް ނެރުނު ވައިޓް އެލާޓުގެ މުއްދަތު 4 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ ހުކުރު ދުވަހުގެ ހަވީރު 5:30 އާއި ހަމައަށް ކަމަށެވެ. މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާ އިރު، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
އަދި ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި މަހު، ވާރޭ ވެހޭ މިންވަރު، އުތުރު އަތޮޅުތަކާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށް އަދި އެހެން ހިސާބުތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭވަރަށްވުރެ މަދު ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭގައި ކުޑަ ތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ. ނަމަވެސް ދެކުނުގެ ބައެއް އަތޮޅުތަކުގައި އާންމު މިންގަނޑަށްވުރެ މަތިވުން އެކަށީގެންވާ ކަމަށެވެ.