އިނގިރޭސި ރާނީގެ ފިރިކަލުން ޑިއުކް އޮފް އެޑިންބަރގ ޕްރިންސް ފިލިޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި ކަމަށް ބަކިންގހަމް ޕެލަސްއިން ބުނެފިއެވެ.
ލަންޑަންގެ ކިންގް އެޑްވާޑް ހަތްވަނަ ހޮސްޕިޓަލުގައި ޕްރިންސް ފިލިޕް އެޑްމިޓް ކުރެވުނީ އިންފެކްޝަނެއް ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އެ މަނިކުފާނު އެޑްމިޓް ކުރެވުނީ ސީރިއަސް މައްސަލައެއްގައެއް ނޫނެވެ. ބަކިނގްހަމް ޕެލަސްއިނ ވެސް ބުނެފައިވަނީ ފިލިޕްސް ހުންނެވީ "ރަނގަޅު ރޫހެއްގައި" ކަމަށެވެ.
އުމުރުފުޅުން 96 އަހަރުގެ ޕިލިޕްސް ވަނީ އެ މަނިކުފާނު ޝާހީ ޒިންމާތަކުން މި އަހަރުގެ އޯޓަމްގައި އެކަހެރިވެ ވަޑައިގަންނަވާނެކަން މި އަހަރުގެ މެއި މަހު އިއުލާނު ކުރައްވާފައެވެ. ރާނީ ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާފައެވެ.
ބުދަ ދުވަހު ވެސް ރާނީ އުޅުއްވަމުން ގެންދަވަނީ ރަސްމީ ހައިސިއްޔަތުން ކުރައްވާ މަސައްކަތް ޕުޅުގައެވެ. އެކަމަނާ ވަނީ ގާނޫނުހަދާ މަޖިލީހުގައި ބުދަ ދުވަހު ތަގުރީރު ކުރައްވާފައެވެ.
ބަކިންގހަމް ޕެލަސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޭލްސްގެ ޕްރިންސްއާ އެކު ރާނީ ގާނޫނުހަދާ މަޖިލީހަށް ވަޑައިގަންވާނެ ކަމަށާއި ޕްރިންސް ފިލިޕްއަށް ބައިވެރިވެ ވަޑައިނުގެންނެވޭތީ ހިތާމަ ކުރައްވާ ކަމަށެވެ.
ހަމަލާ ދެވުނު ފިންސްބަރީ ޕާކްގެ މިސްކިތަށް ޒިޔާރަތްކުރެއްވުމުން ޕްރިންސް ޗާލްސްއާ ޕްރިންސް ފިލިޕްގެ ހާލުކޮޅާ ބެހޭގޮތުން ސުވާލުދެންނެވުމުން ވިދާޅުވީ "އެ މަނިކުފާނުގެ ހާލުދަނީ ރަނގަޅުވަމުން،" ކަމަށެވެ.
ޕްރިންސް ފިލިޕްގެ ހަޔާތުގެ ބޮޑުބައި ހޭދަ ކުރެއްވީ ދުޅަހެޔޮ ސިއްހަތެއްގައެވެ. ނަމަވެސް 2011 ވަނަ އަހަރުހިތުގެ ނާރެއް ބްލޮކްވެގެން ފަރުވާ ހޯއްދަވާފައިވާއިރު 2012 ވަނަ އަހަރު ބްލެޑަރގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވާފައި ވެއެވެ.