ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 18:29
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ އަންހެނުންތަކެއް އެއަރޕޯޓުގައި
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ އަންހެނުންތަކެއް އެއަރޕޯޓުގައި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ޙައްޖުގެ އަޅުކަން
މަހުރަމަކާ ނުލައި ވެސް ޙައްޖުގެ އަޅުކަން އަދާ ކުރެވޭ ގޮތް ހަދައިފި
މަހުރަމަކާ ނުލައި މިހާރު ޙައްޖު އަދި އުމްރާގެ އަޅުކަން އަދާ ކުރެވޭނެ ކަމަށް ސައުދީގެ ސަރުކާރުން ވަނީ ބުނެފައި

ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ އަންހެން ހައްޖުވެރިންނާއެކު މީގެ ފަހުން މަހްރަމެއް ހުރުން ލާޒިމް ނޫން ކަމަށް ސައުދި އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ނިންމައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ކައިރޯގައި ހުންނަ ސައުދީ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލް-ރާބިއާ ވިދާޅުވީ މީގެ ފަހުން ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަންނަ އަންހެން ހައްޖުވެރިންނަށް މަހްރަމަކާ ނުލައި، ޙައްޖުގެ އަޅުކަން އަދާ ކުރެވޭނެ ކަމަށެވެ.

ފާއިތުވި 2021 ވަނަ އަހަރު މަހްރަމަކާ ނުލައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ ސަރުކާރުން ވަނީ ދީފައެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ގެނައި ބަދަލަކަށްވީ ނަމަވެސް މީގެ ސަބަބުން ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިގެންދިޔައެވެ.

ސައުދީ އަރަބިއްޔާއިން ކުރިން ހަދާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އުމުރުން 45 އަހަރުން ދަށުގެ އަންހެނުންނަށް ޙައްޖުގެ އަޅުކަން އަދާ ކުރެވޭނީ މަހުރަމަކާއެކުގައެވެ.

އިސްލާމްދީނުގައި މަހުރަމުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ކައިވެނި ހުއްދަ ނުވާ ފިރިހެނުންނަށެވެ.

ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އުމްރާގެ އަޅުކަން އަދާކުރުމަށް އަންނަ މީހުންގެ އަތުގައި ކޮންމެ ކަހަލަ ވިސާއެއް އޮތް ނަމަވެސް އެ އަޅުކަން އަދާކުރެވޭނެ ކަމަށެވެ. އަދި އެ މިނިސްޓްރީންނާއި ޕްރައިވެޓް ސެކްޓަރއިން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފްކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ސައޫދީ ސަރުކާރުން ވަނީ، ކުރިން އެއްމަސްދުވަހަށް ދެމުން އައި އުމްރާ ވިސާވެސް ދެމަސް ދުވަހަށް ދޭން ނިންމާފައެވެ.

ސައުދީން ވަނީ އުމްރާގެ އަޅުކަން އަދާ ކުރަން ދާ ފަރާތްތަކަށް ހާއްސަކޮށްގެން ނުސުކް ޕްލެޓްފޯމް ތައާރަފު ކޮށްފައެވެ. މި ޕްލެޓްފޯމުގެ ޒަރީއާއިން އީ ވިސާއަށް އެދުމާއި ހޮޓަލާއި ފްލައިޓް ބުކިންގ ފަދަ ޚިދުމަތްތައް ލިބޭނެއެވެ.

- ކޮމެންޓް