ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 07:26
ޔުވެންޓަސްގެ ކޯޗު އަލެގްރީ
ޔުވެންޓަސްގެ ކޯޗު އަލެގްރީ
ޓްވިޓަރ
ޔުވެންޓަސް
ޔުވެންޓަސްގެ ނަތީޖާ ދަށްވި ނަމަވެސް އަލެގްރީ އަށް ޕްރެޝަރެއް ނެތް
 
މިފަދަ ޙާލަތުގައި އެންމެ މީހަކު ކުށްވެރި ނުކުރެވޭނެ

ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އަލެގްރީ އަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެކަބީ ހައިފާ އަތުން ބަލިވުމުން އަލެގްރީގެ ކުރިމަގާ މެދު ވަނީ ސުވާލު އެފެދިފައެވެ. އަދި މި ސީޒަންގެ އިޓާލިއަން ލީގުގައި ވެސް ޔުވެންޓަސްގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނާތީ އަލެގްރީ އަށް ޕްރެޝަރު އޮތް ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވިދާޅުވީ، އަލެގްރީ އަކީ ޔުވެންޓަސްގެ ހެޑު ކޯޗު ކަމަށާއި، އެ މަގާމުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ. މީގެ އިތުރުން އަގްނެލީ ވިދާޅުވީ ނަތީޖާގެ ސަބަބުން އޭނާ ލަދު ގަންނަކަމަށާއި އަދި ރުޅި އަންނަ ކަމަށެވެ. ނަމަވެސް މިފަދަ ޙާލަތުގައި އެންމެ މީހަކު ކުށްވެރި ނުކުރެވޭނެ ކަމަށް ވެސް އަގްނެލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ މުޅި ޓީމުގެ މައްސަލަ އޮންނާނެ ކަމެއް ކަމަށެވެ.

އަހަރެން ލަދު ވެސް ގަނޭ، ރުޅި ވެސް އާދޭ. މި ފަދަ ޙާލަތެއްގައި އަހަރަމެންނަށް އެންމެ މީހަކު ކުށްވެރި ނުކުރެވޭނެ. އެއީ މުޅި ގްރޫޕް (ޓީމު)ގެ މައްސަލަ އޮންނާނެ ކަމެއް.
އަންދްރެއާ އަގްނެލީ / ޔުވެންޓަސްގެ ރައީސް

މިކަމާ ގުޅިގެން ޔުވެންޓަސްގެ ކޯޗު އަލެގްރީ ބުނީ، އޭނާ އިސްތިއުފާ ނުދޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ މިހާރު އޮތީ ބޮޑު ޗެލެންޖެއް ކަމަށެވެ. އަލެގްރީ ފާހަގަ ކުރި ގޮތުގައި ކަންކަން އުނދަގޫވީމާ، އެކަން ރީތި ކުރަން ޖެހޭނެ ކަމަށެވެ.

މިއީ އަލެގްރީ ޔުވެންޓަސްއަށް އިރުޝާދު ދޭ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ޔުވެންޓަސްގެ ކޯޗުކަަމަށް ހަމަޖެއްސީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އެ މާގަމަށް ދެން ހަމަޖެއްސީ އަންދްރެއާ ޕިރްލޯއެވެ. ޕިރްލޯއާއެކު ވެސް ނަތީޖާ ރަނގަޅު ނުވުމުން 2021 ވަނަ އަހަރު އޭނާ ވެސް ވަކިކުރިއެވެ. އެއަށްފަހު އަނެއްކާ ވެސް ވަނީ އަލެގްރީ ޔުވެންޓަސްގެ ކޯޗު ކަމަށް ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް