ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 21:27
ކުދިންތަކެއް ޓީވީ ބަލަނީ
ކުދިންތަކެއް ޓީވީ ބަލަނީ
ބީބީސީ
ޑިޖިޓަލް ފާސްޓިންގ
ވާހަކަދެއްކުމަށް ހިތްވަރުދިނުމަށްޓަކައި އިންޓަރނެޓާއި ޓީވީ ކަނޑާލަން ނިންމައިފި
ރޯދަ ހިފުމުން ހަށިގަނޑަށް ފައިދާ ކުރާހެން "ޑިޖިޓަލް ފާސްޓިންގ"އިންވެސް ފައިދާކުރާނެ

ޒަމާނަށް އައި ބަދަލާއެކު މިއަދު އެންމެންހެން "ދެވިހިފާފައިވާ" ދެކަމަކުން، ދުވާލެއްގެ ވަކި ވަގުތުކޮޅަކަށް ނަމަވެސް "މިނިވަން"ވެފައިވާކަން, އިންޑިޔާގެ މަހާރަޝްތުރާ ސްޓޭޓްގެ އަވަށަކުން އިއުލާންކޮށްފިއެވެ.

ސަންގްލީ ޑިސްޓްރިކްޓްގެ ވަޑްގާއުން ވިލެޖްގެ ވެރިންނާއި އާންމުން އެއްބަސްވެފައިވާގޮތުގެ މަތިން، ކޮންމެ ދުވަހަކުވެސް އިރުއޮއްސި 7 ޖެހުމުން އެއަވަށުގައި ރަނގަބީލެއް އަޅައެވެ. އެއީ ޓީވީތަކާއި މޯބައިލް ފޯނުތައް ނިއްވާލަން އަންގާ ރަނގަބީލެކެވެ. ޓީވީތަކާއި ފޯނުތައް އަލުން ޖެއްސޭނީ އަވަށު ކައުންސިލުން އަނެއްކާވެސް 30 8ގައި ސައިރަން އެޅުމުންނެވެ.  

އަވަށު ކައުންސިލްގެ ރައީސް ވިޖޭ މޮހީތު ބުނިގޮތުގައި، މި ނިންމުމަކީ އިންޑިޔާގެ މިނިވަން ދުވަސް ކަމަށްވާ، އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އަވަށު ބައްދަލުވުމުން ނިންމި ކަމެއް ކަމަށެވެ. އޭގެ އަނެއްދުވަހު މިގޮތަށް ސައިރަން އަޅައި، ޓީވީތަކާއި ފޯނުތައް ނިވަން ފަށާފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

ވަޑްގާއުން އަވަށުގެ އާބާދީއަކީ ގާތްގަޑަކަށް ތިންހާސް ކަމަށާއި، ގިނަ މީހުންނަކީ ދަނޑުވެރިކަމުގައި ނުވަތަ ހަކުރު ފެކްޓަރީގައި މަސައްކަތްކުރާ މީހުންކަމަށް ޚަބަރުލިބެއެވެ.

މޮހީތު ބުނީ، ކޮވިޑް 19 ޕެންޑަމިކް ތެރޭގައި ފިލާވަޅުތައް ހޯދުމަށް ފޯނުތަކާއި ޓީވީ ބޭނުންކުރުން ކުދިންނަށް އޮތީ މަޖުބޫރުވެފައިކަމަށެވެ. މިހާރު ސްކޫލްތައް ހުޅުވި، ކުދިން ކިޔަވަން ދާންފެށުމަށްފަހުވެސް، ގެއަށް އައިސްވެސް ގޭމް ކުޅުމާއި ޓީވީ ބެލުން ފަދަ ކަންކަމަށް ވަނީ އާދަވެފައިކަމަށް އޭނާ ބުނެފައިވެއެވެ. ހަމަ އެއާއެކު، ބޮޑެތި މީހުންވެސް އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ ބަދަލުގައި އަބަދު ފޯނާ ކުޅެ، ޓީވީ ބެލުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރާކަން ވަނީ ފާހަގަ ކޮށްފައެވެ.

އެކަކު ބުނިގޮތުގައި، މިހާރު ކުދިން އިންޓަރނެޓާއި ޓީވީ ބެލުމަށް އާދަވެފައި ތިބޭ ވަރުން ފިލާވަޅުތައް ދަސްކޮށްދޭންވެސް އުނދަގޫވާވަރުވެއެވެ. އޭނާ ބުނީ އައު ގަވާއިދު ހެދުމުން މިހާރު ކިޔަވަން ބައިތިއްބަން އެހާ އުނދަގޫ ނޫންކަމަށެވެ.

މިފަދަ "ޑިޖިޓަލް ޑިޓޮކްސް" އެއް ކުރިއަށް ގެންދަން ފަސޭހަ ނޫންކަމަށް އަވަށު ކައުންސިލްގެ ރައީސް ބުނެފައިވެއެވެ. ފުރަތަމަ އެޚިޔާލު ހުށަހެޅުމުން ފިރިހެނުން މަލާމާތްކުރިކަމަށް އޭނާ ބުނެފައިވެއެވެ.

ކުޑަ ދެ ކުއްޖަކު ފޯނެއް ބޭނުންކުރަނީ

ކައުންސިލުން ދެން ހެދި ގޮތަކީ ހަމައެކަނި އަންހެނުންނަށް ބައްދަލުވުމެއް ބޭއްވީކަމަށް އޭނާ ބުނެފައިވެއެވެ. ޓީވީ ސީރިއަލްތައް ބެލުމަށް ވަގުތު ހޭދަކުރެވޭކަމަށް، ތެދުވެރިކަމާއެކު އަންހެނުން އެއްބަސްވިކަމަށާއި، އަދި ވަކި ގަޑިތަކަކަށް ޓީވީއާއި ފޯނު އިންޓަރނެޓް ބަންދުކޮށްލުމުން މުޅި އަވަށަށް ފައިދާކުރާނެކަމަށް އަންހެންވެރިން އެއްބަސްވިކަމަށް ބުނެފައިވެއެވެ. އެއަށްފަހު އަވަށު ފައްޅީގެ އުސް ތަނެއްގައި ސައިރަން ހަރުކުރަން އެއްބަސްވެ، އެގޮތަށް ކަންތައްކުރަނީކަމަށް ބުނެފައިވެއެވެ.

މިގޮތަށް ކުޑައިރުކޮޅަކަށް ޓީވީއާއި ފޯނުތައް ނިއްވާލުމުން އެކަމުން ފައިދާކުރާނެ ހެއްޔެވެ؟

ފައިދާކުރާނެ ކަމަށް އިންޑިޔާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތު އެންޑް ނިއުރޯ ސައިންސަސްގެ ޕްރޮފެސަރ، ޑޮކްޓަރ މަނޯޖް ކުމާރު ޝަރުމާ ވިދާޅުވިއެވެ.

ޑރ. ޝަރުމާއާއި އޭނާގެ ބައިވެރިން ހެދި ސްޓަޑީއަކުން ހާމަވެފައިވާގޮތުގައި، އާދަޔާޚިލާފަށް ބޮޑަށް އިންޓަރނެޓްގެ ބޭނުންކުރުން މިއީ މިއަދު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. މިކަން މައްސަލައަކަށް ވަނީ ފައިދާއެއްނުކުރާފަދަ ގޮތެއްގައި އިންޓަރނެޓްގައި ވަގުތުތައް ހޭދަކުރަން ފަށާ ހިސާބުން ކަމަށާއި، މިކަމުން ނަފްސާނީގޮތުން ސްޓްރެސް އުފައްދާނެކަން ހާމަވެފައިވެއެވެ. އަދި މިއީ ޒުވާނެއްގެ ހަޔާތަށް އެތައް ގޮތަކުން ގެއްލުންކުރުވާނެ ކަމެއްކަން ފާހަގަކުރެވިފައިވެއެވެ.

ހުރިހާ އުމުރެއްގެ ކުޑަކުދިންވެސް ވަނީ ފޯނަށް ދޯޅުވެފައި

ނަފްސާނީގޮތުން ސްޓްރެސް ތަހައްމަލުކުރަމުންދާ ޒުވާނުން، މީހަކާ ވާހަކަދައްކައި ހައްލު ހޯދުމުގެ ބަދަލުގައި، ވަގުތީގޮތުން އެކަމުން ސަލާމަތްވުމަށް އިންޓަރނެޓާ ދިމާއަށް އެނބުރޭކަމަށް ޕްރޮފެސަރ ވިދާޅުވެފައިވެއެވެ. މިހެންވުމުން މީހުން ތެރެއަށް ނުކުމެ އުޅުން މަދުވަމުން މަދުވަމުންގޮސް އެއްކޮށް ހުއްޓޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރޯދަހިފާއިރު ކާބޯތަކެއްޗާ ދުރުވުމުން ފައިދާތަކެއް ކުރާފަދައިން، "ޑިޖިޓަލް ފާސްޓިންގ" މިއީ އޮންލައިން ކަންކަމަށް ހުންނަ ފޯރި ކަނޑުވާލުމަށް އެންމެ މުހިންމު އެއް ގޮތްކަމަށް ޕްރޮފެސަރ ވިދާޅުވެފައިވެއެވެ. އަދި ކުދިންނަކީ އަބަދުވެސް ވާހަކަދެކެވި މުއާމަލާތުކުރެވެންޖެހޭ ބައެއްކަމަށާއި، ކުދިން ފުރިހަމަގޮތުގައި ބޮޑެތިވުމަށްޓަކައި އެންމެ މުހިންމީ ކޮންމެވެސް ގުދުރަތީ ވެއްޓެއްގައި ފޫހިފިލުވޭނެ ވަސީލަތްތަކާއި ރަނގަޅު ކާނާއާއި ހަމަނިދި ލިބޭނެގޮތް ހަދައިދިނުންކަމަށް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
11 އޮކްޓޯބަރ 2022 | އަންގާރަ 22:22
ޢިންތީ
މީ ވަރަށް މުހިއްމު ކަމެއް އިންޑިޔާ މީހުން ކުރިނަމަވެސް، މި ރާއްޖޭގައި ވެސް ކޮންމެ ދުވަހަކު 1 ދަން ފަޅީ މިގޮތަށް މިކަން ކޮށްގެންވެސް ކުދިންގެ އަޚުލާގަށް ރަނގަޅު ބަދަލެއް ގެނެވޭތޯ ބަލަންވެއްޖެ.