ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 08:50
ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ
ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ
ޓްވިޓަރ
ޔުއެފާ ޗެމްޕިއަންސް ލީގު
ޕީއެސްޖީ އަށް މެސީ ވަރަށް މުހިންމު، ނަމަވެސް ބެންފީކާއާ ދެކޮޅަށް ނުކުޅެވޭ
 
ގަލްޓިއޭ ބުނީ މެސީ ނެތްތަން ފޫބެއްދުމަށް އެހެން ހައްލެވެސް ހޯދަން ޖެހޭނެ ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބެންފީކާއާ ދެކޮޅަށް ވެސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ލިއޮނެލް މެސީ އަށް ނުކުޅެވެއެވެ.

ފްރާންސް ލީގުގައި އެންމެ ފަހުން ޕީއެސްޖީން ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މެސީ ނުކުޅެފައެވެ. އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބެންފީކާއާ ދެކޮޅަށް ޕީއެސްޖީގެ ސްކޮޑުގައި މެސީ ހިމަނާފައެއް ނުވެއެވެ. އެއީ ފުރަތަމަ ލެގުގައި ޕީއެސްޖީން ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ އަށް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ވެފައެވެ.

ދެ ވަނަ ލެގުގައި ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނީ މެޗުގައި މެސީ ނުކުޅޭނެ ކަމަށެވެ. ސަބަބަކީ ކުރިން މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މެސީ ރެސްޓު ކުރުމަށް މެޑިކަލް ޓީމުން އިރުޝާދު ދީފައިވާތީ ކަމަށް އޭނާ ބުންޏެވެ. ގަލްޓިއޭ ބުނީ އުންމީދުކުރެވޭ ގޮތުގައި ފްރާންސް ލީގުގައި މާސޭއާ ދެކޮޅަށް ކުޅޭ މެޗުގައި ފެންނާނެ ވަރު ވާނެ ކަމަށެވެ.

މީގެ އިތުރުން ގަލްޓިއޭ ބުނީ ކުރިން ހީކޮށްގެން ތިބީ ބެންފީކާއާ ދެކޮޅަށް މެސީ އަށް ކުޅެވޭ ވަރުވާނެ ކަމަށެވެ. ނަމަވެސް އަނިޔާގެ ފަހުން ބަރާބަރު ހަ ދުވަސް ފަހުން ދެ ވަނަ މެޗަށް ނުކުންނަން ޖެހޭ އިރު، މެސީ ވެސް ބޭނުންވީ ރެސްޓެއް ކުރަން ކަމަށް އޭނާ ބުންޏެވެ.

ގަލްޓިއޭ ބުނީ މެސީ އަކީ ޕީއެސްޖީ އަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. ނަމަވެސް މެސީގެ ފިޒިކަލް ހާލަތަށްް ވެސް ބަލަން ޖެހޭނެކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މެސީ ނެތްތަން ފޫބެއްދުމަށް އެހެން ހައްލެވެސް ހޯދަން ޖެހޭނެ ކަމަށެވެ.

ޗެންޕިއަންސް ލީގުގައި ޕީއެސްޖީން ބެންފީކާއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
50%
0%
0%
ކޮމެންޓް