ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 08:06
ޑެހެއާ
ޑެހެއާ
ޓްވިޓަރ
ޑެހެއާގެ ކުރިމަގު
ޔުނައިޓެޑުގައި ހުންނަނީ ވަރަށް ހިތްހަމަޖެހިގެން: ޑެހެއާ
މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ހަމަވާނެ

މެންޗެސްޓަރ ޔުނައިޓެޑުގައި ހުންނަނީ ނުހަނު ހިތްހަމަ ޖެހިގެން ކަމަށް އެ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ބުނެފިއެވެ.

ޑެހެއާ މިހެން ބުނީ ޔުނައިޓެޑުގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ސެޕެއިންގެ ޤައުމީ ޓީމުގެ ވެސް ގޯލު ބަލަހައްޓަމުން އަންނަ ޑެހެއާ އެންމެ ފުރަތަމަ ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރުއެވެ. އެންމެ ފަހުން ޑެހެއާ ޔުނައިޓެޑުގެ އެއްބަސްވުން އައުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެފަހަރު އޭނާ ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއަދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޑެހެއާ ބުނީ، ޔުނައިޓެޑުގައި އިތުރު އަހަރުތަކެއް މަޑުކުރަން އޭނާ ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބަލަން ތިބެން ޖެހޭނެ ކަމަށެވެ.

އައު އެއްބަސްވުމެއް؟ ވަރަށް ސާފު، އަހަރެން ބޭނުންވަނީ އިތުރު އަހަރު މިތަނުގައި (ޔުނައިޓެޑުގައި) މަޑުކުރަން. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބަލަން ތިބެން ޖެހޭނީ. ޔުނައިޓެޑުގައި އަހަރެން ހުންނަނީ ނުހަނު ހިތްހަމަ ޖެހިގެން.
ޑެހެއާ / ޔުނައިޓެޑުގެ ގޯލް ކީޕަރު

ފާއިތުވި 11 އަހަރު ތެރޭގައި ޑެހެއާ ވަނީ ގިނަ މެޗުތަކެއްގައި ޔުނައިޓެޑުގެ ގޯލް ބަލަހައްޓާފައެވެ. މިހާތަނަށް އޭނާ ވަނީ ޖުމުލަ 498 މެޗުގައި ޔުނައިޓެޑުގައި ގޯލް ބަލަހައްޓާ ދީފައެވެ. މީގެ އިތުރުން ޑެހެއާ އަކީ ސްޕެއިންގެ ވެސް އެއް ނަންބަރު ކީޕަރެވެ. އޭނާ ވަނީ 2014 އިން ފެށިގެން މިހާތަނަށް 45 މެޗުގައި ސްޕެއިންގެ ގޯލު ބަލަހައްޓާފައެވެ.

- ކޮމެންޓް