ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 13:40
ހުޅުމާލޭ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު ރައީސްގެ އަނބިކަނބަލުން ފަޒްނާ ހުޅުވައިދެއްވަނީ
ހުޅުމާލޭ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު ރައީސްގެ އަނބިކަނބަލުން ފަޒްނާ ހުޅުވައިދެއްވަނީ
ރައީސް އޮފީސް
މެންޓަލް ހެލްތް ސެންޓަރު
ހުޅުމާލޭ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރެއް ހުޅުވައިފި
ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ ފަންނީ މާހިރުން މެދެވެރިކޮށް ހެދޭ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ އެސެސްމަންޓުތައް ހެދޭނެ
ކުޑަކުދިންނަށް ޚާއްޞަ ފަރުވާދޭ މާހިރުން ކަމުގައިވާ އިންޑިއާގެ ކެޑަބަމްސް ހޮސްޕިޓަލްގެ ޗައިލްޑް ސައިކޮލޮޖިސްޓުންނާއެކު އޮންލައިންކޮށް މަޝަވަރާކުރެވޭނެ

ހުޅުމާލޭ ހޮސްޕިޓަލުގައި ސަރުކާރުން ތަރައްގީކުރި މެންޓަލް ހެލްތު ސެންޓަރު ހުޅުވައިފިއެވެ.

މި ސެންޓަރު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

ހުޅުމާލޭގައި ހުޅުވުނު އެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރަކީ މި ސަރުކާރުން ނަފްސާނީ ޞިއްޙަތަށް ޚާއްސަ އިސްކަމެއް ދެއްވާ ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން ހުޅުވުނު ތަނެކެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ ފަންނީ މާހިރުން މެދެވެރިކޮށް ހެދޭ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ އެސެސްމަންޓުތައް ހެދުމާއި، ކައުންސިލިން ދިނުމާއި، ކޮގްނިޓިވް ބިހޭވިރަލް ތެރަޕީ އަދި ޑައިލެކްޓަރަލް ބިހޭވިރަލް ތެރެޕީ ފަދަ މުހިންމު ޚިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފަރުވާދޭ މާހިރުން ކަމުގައިވާ އިންޑިއާގެ ކެޑަބަމްސް ހޮސްޕިޓަލްގެ ޗައިލްޑް ސައިކޮލޮޖިސްޓުންނާ އެކު އޮންލައިންކޮށް މަޝަވަރާކުރުމާއެކީ، ތެރެޕީ ސެޝަންތައް ކުރިޔަށްގެންދިއުމުގެ ޚިދުމަތް ވެސް މިސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ސެންޓަރު ހުޅުވުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ކެޑަބަމްސް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް ހަދިޔާކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ "މޭކް މެންޓަލް ހެލްތު އެންޑް ވެލްބީން ފޮރ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" މިއެވެ.

- ކޮމެންޓް