ޕީސް ފައުންޑޭޝަންގެ ފަރާތުން ލެގަސީގެ ނަމުގައި އިވެންޓެއް ލޯންޗްކުރަން ނިންމައިފިއެވެ.
މި އިވެންޓް ލޯންޗްކުރަން ނިންމައިފައިވަނީ އިސްލާމީ މަރުކަޒެގައެވެ. އަދި އިވެންޓް ލޯންޗްކުރާނެ ތާރީޙެއް ޝޯޝަލް މިޑިއާ މެދުވެރިކޮށް އަންގާނެކަމަށް ޕީސް ފައުންޑޭޝަންގެ ފަރާތުން ބުންޏެވެ.
ޗަންޕާ ހޮޓަލުގައި ބޭއްވި ޕްރެސް ބްރީފިންގައި މައުލޫމާތު ދެއްވަމުން ޕީސް ފައުންޑޭޝަންގެ ރައީސް މުޙައްމަދު ނަސްރު ވިދާޅުވީ މި އިވެންޓަކީ ދީނީ އިލްމުވެރިން ރާއްޖެ ގެނެސް، ދީނީ އިލްމުވެރިންގެ ފަރާތުން ރައްޔިތުންނަށް ދީނާ ބެހޭ އިތުރު ފިލާވަޅުތަކެއް އުގަންނައިދިނުން ކަމަށާއި ދީނަށް އިތުރަށް ހޭލުންތެރިކުރުމުގެ ނިޔަތުގައި ބާއްވާ އިވެންޓެއް ކަމަށެވެ.
އިވެންޓަށް މި ފަހަރު ގެނައުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރ ބިލާލް ފިލިޕްސްކަމަށާއި މި އިވެންޓަކީ ސީރީޒްއެއްގެ ގޮތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިވެންޓެއްކަމަށް އޭނާ ވިދާޅުވި. ޑޮކްޓަރ ބިލާލް ފިލިޕްސް ރާއްޖޭގައި ހުންނަވާނީ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 އާއި ހަމައަށްކަމަށް ޕީސް ފައުންޑޭޝަންގެ ފަރާތުން ބުނިއެވެ.
ޕީސް ފައުންޑޭޝަންގެ ފަރާތުން އިތުރަށް ބުނީ 5 ދުވަހުގެ މުއްދަތަށް މި އިވެންޓް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ދެ ބަޔަކަށް ބަހާލައިގެން މާލޭގަ އާއި ފުވައްމުލަކު މި އިވެންޓް ކުރިޔަށްދާނެ ކަމަށާއި އިވެންޓްގައި މައުލޫމާތު ދެވިގެންދާނެ މަޢުލޫއު ފަހުން ރައްޔިތުންނާއި ހިއްސާ ކުރެވިގެންދާނެކަމަށެވެ.