މިއަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ފޯވާޑް ޕެޑްރޯ ނެޓޯއަށް ނުކުޅެވޭނެކަމަށް އޭނާ ކުޅެމުން އަންނަ ވުލްވްސްއިން ބުނެފިއެވެ.
ނެޓޯއަށް ވޯލްޑް ކަޕްގައި ނުކުޅެވެނީ އޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. މި މަހުގެ އެއްވަނަ ދުވަހު ވެސްޓް ހޭމްއާއި ވުލްވްސް ބައްދަލުކުރި މެޗުގައި ނެޓޯގެ ކުޑަހުޅަށް އަނިޔާވެގެން މެޗުގެ 24 ވަނަ މިނެޓުގައި ވަނީ ދަނޑުން ބާލާފައެވެ.
މި އަނިޔާއާއި ގުޅިގެން އިތުރު ޓެސްޓުތައް ހެދުމަށްފަހު ވުލްވްސްއިން ބުނީ ނެޓޯގެ ކުޑަހުޅުގެ ލިގަމެންޓު ހަލާކުވެފައިވާ ކަމަށެވެ. އަދި މި އަނިޔާގެ ސަބަބުން ސާޖަރީއެއް ހަދަން ޖެހޭނެކަން ވުލްވްސްއިން ފާހަގަކުރިއެވެ. އެހެންކަމުން އޮޕަރޭޝަނަށްފަހު ވޯލްޑް ކަޕްގައި ކުޅުމަށް ނެޓޯ ފިޓް ނުވާނެކަމަށް ވުލްވްސްއިން ވަނީ ބުނެފައެވެ.
މި ފަހުން ނޭޝަންސް ލީގުގައި ޕޯޗުގަލް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ސްކޮޑުގައިވެސް ނެޓޯ ހިމަނާފައިވެއެވެ. ނަމަވެސް އެމެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ނުދެއެވެ.
ނެޓޯއަށް އަނިޔާވުމާއެކު ޕޯޗުގަލްގެ އެޓޭކިންގ ލައިނަށް އޭގެ އަސަރުކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެޓީމުގެ އެޓޭކިންގ ލައިނުގައި ކުޅޭނެ އިތުރު ކުޅުންތެރިން ހޯދުމަށް މިހާރުވެސް ޕޯޗުގަލްއަށް ވަނީ މުހިންމު ވެފައެވެ.