ކ. މާލެ
|
6 އޮކްޓޯބަރ 2022 | ބުރާސްފަތި 17:29
އޮމްބަޑްސްޕަރސަން އޮފީސް
އޮމްބަޑްސްޕަރސަން އޮފީސް
އޮމްބަޑްސްޕާސަން އޮފީސް
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރަން ނިންމައިފި
 
އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް ވަނީ ނިންމަވާފައި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ, އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ. އެ މުއްދަތު ފަހުން އިއުލާންކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ 1953 ޖަނަވަރީ 1ން ފެށިގެން 2018 ނޮވެންބަރު 17އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަޚްސެކެވެ. އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، ތައައްސުބުން އެއްކިބާވެ ތިބެ، މި ގާނޫނުގެ މަގުސަދުތައް ހާސިލުވާނެ ގޮތުގެމަތިންކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ އަހަރު ތަސްދީގުކުރި އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުން، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ.

މިދިޔަ އަހަރު ތެރޭގައި އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 488 މައްސަލައެއް ހުށައަޅާފައިވާއިރު، އޭގެތެރެއިން 452 މައްސަލައެއް ވަނީ ބަލައިގަތުމަށް ނިންމާފައެވެ. އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 7 މައްސަލައަކީ ފުޅާ ދާއިރާއެއްގައި ތަހުގީގުކުރުމަށް ނިންމާފައިވާ މައްސަލަތައްކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންގެ މަގާމަށް ދާދިފަހުން މުސްތަފާ ހަމީދު ވަނީ އައްޔަން ކުރައްވާފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ލައިޒާ ވަނީ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް