އަމީނީ މަގު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ މަގުގައި ހައްދާފައި ހުރި ގަސްތައް ކަނޑާ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރާ ގުޅިގެން ބާއްވާ އަޑުއެހުމަށް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އަމީނީ މަގުން ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރާ ގުޅިގެން ބުރާސްފަތި ދުވަހު ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރު 2:00 ގައެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ އެލްއެލްޕީންގެ ލޯ ފާމުންނެވެ. އަމީނީ މަގުގެ ގަސްތައް ކެނޑުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ރައީސް ނަޝީދު ވަނި އެދިވަޑައިގަންނަވާފައެވެ. މި މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ދައުވާ އުފުލަނީ ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށެވެ.
އަމީނީ މަގުގެ ގަސްތައް ކަނޑާތީ ރައީސް ނަޝީދު ވަނީ މަޖިލީހުގައި ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމީނީ މަގުގައި އިންދާފައި ހުރި ބޮޑެތި ގަސްތައް ނުނަގައި އެ މަގު ހެދޭނެ ގޮތްތައް ހޯދަންޖެހެއެވެ. އަދި ގަހެއް ހެދުމަށް 15-20 އަހަރު ނަގާއިރު މަގުތައް ހަދާއިރު ގަސްތައް ބަހައްޓައިގެން އެކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު މިހާރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގައި ހުރި ގަސްތައް ކަނޑާތީ އެ މައްސަލަ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާއިރު އަމީނީ މަގުން ކަނޑާ ގަސްތައް އަލުން އެހެން ތަންތަނަށް ބަދަލު ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވިދާޅުވީ، ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް ބައެއް ޕްރޮޖެކްޓުތައް ހިންގުމަށް ގަސް ކަނޑަންޖެހޭ ޙާލަތްތައްވެސް އަންނަ ކަމަށެވެ. އެ މަގުގައި ހުރި ގަސްތަކުގެ މޫތަށް ފެތުރިފައިވުމުގެ ސަބަބުން ހޮޅިތައް ވަޅުލުމުގައިވެސް ގޮންޖެހުން ހުރިކަން ފާހަގަ ކުރައްވައި މިއުވާން ވިދާޅުވީ، އަމީނީ މަގަކީ މިހާރުވެސް ހަދަން ޖެހިފައިވާ މަގެއް ކަމަށެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގަސްތައް ހުރުމުގެ ސަބަބުން އޭގެ އިތުރުންވެސް އިތުރު ގޮންޖެހުންތައް ހުރިކަމަށް މިއުވާން ވިދާޅުވިއެވެ.
އޭގެ އިތުރުން، އެ މަގުން ކަނޑާ ގަސްތައް އަލުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ ޕްލޭންތަކެއްވެސް ހިމެނިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. މި މައްސަލައާ ގުޅޭ ގޮތުން އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުނިން އަމީނީ މަގުގައި ހުރި ގަސްތައް ނެގުމަށްފަހު ކުޑަގިރި ޕިކްނިކް އައިލެންޑަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަގު ހަދައި ނިމުމުން އެ މަގުގައި ގަސް އިންދެން ހުންނަ ތަންތަނުގައި ގަސްތައް އިންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.