އަންގާރަ ދުވަހު އުތުރު ކޮރެއާއިން ފޮނުވި މިސައިލުގެ ޖަވާބުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން މިސައިލްތަކެއް ފޮނުވައިފިއެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން މިސައިލްތައް ލޯންޗުކޮށްފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި މިސައިލްތައް ފޮނުވާފައިވަނީ ކަނޑަށެވެ.
އުތުރު ކޮރެއާއިން އަންގާރަ ދުވަހު ފޮނުވި ބެލިސްޓިކް މިސައިލަކީ ޓެސްޓު މިސައިލެއް ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. މި މިސައިލް ޖަޕާނުގެ މަތިން ގޮސްފައިވާއިރު އެއްވެސް އިންޒާރެއް ދިނުމެއް ނެތި މިސައިލް ފޮނުވުމުން ޖަޕާނުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހުނެވެ.
މި މިސައިލުގެ ޖަވާބުގައި ދެކުނު ކޮރެއާއިން މިސައިލްތަކެއް ފޮނުވާފައިވާއިރު މިއީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށްގެންދާ ޑްރިލްއެއް ކަމަށް އެ ޤައުމުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ވަނީ ވިދާޅުވެފައެވެ.
ދެކުނު ކޮރެއާއިން މިސައިލްތަކެއް ފޮނުވާފައިވާއިރު އޭގެ ތެރެއިން ދެ މިސައިލް ފެއިލްވެ ވަނީ މަންޒިލަށް ނުގޮސް ވެއްޓިފައެވެ. ނަމަވެސް އޭގެ ސަބަބުން އެއްވެސް މީހަކު މަރުނުވާ ކަމަށް ވެސް ދެ ޤައުމުގެ މިލިޓަރީން ވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޖަޕާނުގެ ބޮޑުވަޒީރު ފުމީނޯ ކިޝިޑާ ވަނީ އުތުރު ކޮރެއާއިން އަންގާރަ ދުވަހު މިސައިލް ލޯންޗު ކުރުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ޔޫރަޕިއަން ޔޫނިއަނުންނާއި އދ. އިން ވެސް ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ.