ޓްވިޓަރ ނުގަންނާނެ ކަމަށް ބުނުމަށްފަހު، ޓްވިޓަރ އިން ކޯޓަށް ދިއުމުން، ބިލިއަނަރު އީލޮން މަސްކުގެ ވިސްނުން ބަދަލުކޮށްފިއެވެ.
އީލޮން މަސްކު ޓްވިޓަރ ގަތުމަށް 44 ބިލިއަން ޑޮލަރުގެ ޑީލެއް ހުށަހެޅީ މި އަހަރުގެ އޭޕްރިލް މަހުގައެވެ. ކުންފުނި ވިއްކުމުގެ މަރުހަލާ ކުރިއަށްދަނިކޮށް އޭނާ ބޭނުންވި މައުލޫމާތުތަކެއް ޓްވިޓަރ އިން ފޯރުކޮށްނުދިން ކަމަށް ބުނެ ޖުލައި މަހުގައި އޭނާ ވަނީ އެ އެއްބަސްވުން އުވާލަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް ޓްވިޓަރ އިން ވަނީ މިވާހަކަތައް ދޮގުކޮށް އޭނާ އެ އެއްބަސްވުން އުވާލަން ނިންމީ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް ބުނެފައެވެ.
އެއްބަސްވުން އުވާލަން އޭނާ ނިންމުމާއެކު ޓްވިޓަރ އިން ވަނީ އެ އެއްބަސްވުމާ އެއްގޮތަށް ކުންފުނި ގަންނަން ޖެހޭނެ ކަމަށް ބުނެ ކޯޓަށް ދާން ވެސް ނިންމާފައެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު އަނެއްކާވެސް ޓްވިޓަރ ގަންނާނެ ކަމަށް މަސްކު ބުނެފައި މިވަނީ ކޯޓު އަޑުއެހުންތައް ފަށަން ކައިރިވެފައި ވަނިކޮށް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
މަސްކުގެ ލީގަލް ޓީމުން ޓްވިޓަރ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުންފުނި ގަތުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި ކޯޓުގައި ކުރިއަށްދާ މައްސަލަ ނިންމާލުމަށް ވެސް ވަނީ ބުނެފައެވެ. އޭނާގެ ލީގަލް ޓީމުން މިހެން ބުނެފައިވަނީ ޓްވިޓަރގެ ޓީމުން މަސްކުއާ ދެކޮޅަށް ވަރުގަދަ ކޭސްއެއް ތައްޔާރުކޮށްގައި އޮތުމުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ޓްވިޓަރގެ ސްޕޯކްސްޕާސަން ވަނީ ބޭރުގެ މީޑިއާތަކަށް އީލޮން މަސްކުގެ ސިޓީ ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން، ކުންފުނިން އަދިވެސް ބޭނުންވަނީ އެއްބަސްވެފައިވާ ގޮތަށް ހިއްސާއަކަށް 54.20 ޑޮލަރު ޖެހޭ ގޮތަށް ކުންފުނި ވިއްކާލަން ކަމަށް ޓްވިޓަރ އިން ވަނީ ބުނެފައެވެ. މިއީ މަސްކު އެންމެ ފުރަތަމަ ޓްވިޓަރ ގަތުމަށް ހުށަހެޅި އަގެވެ.
މަސްކު ގޮވައިގެން ޓްވިޓަރ އިން ކޯޓަށް ދިއުމުން އެ ކުންފުނީގެ ހިއްސާގެ އަގު ވެސް ވަނީ 20 އިންސައްތަ އުފުލިފައެވެ. ނަމަވެސް މަސްކު ޓްވިޓަރ ގަންނަން ހުށަހެޅި އަގާ އެއްވަރަށް އަދިވެސް އެ ކުންފުނީގެ ހިއްސާގެ އަގެއް ނާރައެވެ.
ބިލިއަނަރު އީލޮން މަސްކު ޓްވިޓަރ ގަތުމަށް 44 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދަން ނިންމީ އެ ޕްލެޓްފޯމުގައި ހުރި ސްޕޭމް ނުވަތަ ފޭކު އެކައުންޓުތައް ނައްތާލައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދޭން ކަމަށް ބުނެއެވެ.