ކ. މާލެ
|
5 އޮކްޓޯބަރ 2022 | ބުދަ 11:16
ސްކޫލްތައް ހުޅުވުން
ސްކޫލްތައް ހުޅުވުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
މިއަހަރުގެ ޓީޗަރުންގެ ދުވަސް
މިއަހަރުގެ ޓީޗަރުންގެ ދުވަސް ޓީޗަރުން ފާހަގަކުރަނީ ހިނިތުންވުމާއެކު ހިތްހަމަޖެހިގެން!
ޓީޗަރުންނަށް ހެޔޮގޮތް ވުމަކީ ގައުމަށް ހެޔޮގޮތްވުން

ޓީޗަރުންނަކީ ގައުމުގެ ކުރިމަގަށް ޒުވާނުން ބިނާކޮށް ތަމްރީނު ކުރުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން މަސައްކަތްކުރާ މީހުންނެވެ. ގައުމު އާރާސްތުކުރުމުގައި ޓީޗަރުންގެ ދައުރަށްވުރެ މުހިއްމު އެހެން ދައުރެއް ނުވެސް އޮންނާނެއެވެ. ޓީޗަރުންނަކީ މި ގައުމުގެ ދިރުމެވެ.

ޓީޗަރުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ އުނދަގޫކަމެކެވެ. ޓީޗަރުން މީގެކުރިން ކުރަމުންދިޔަ އެއް ޝަކުވާއަކީ މުސާރައިގެ ޝަކުވާއެވެ. ނަމަވެސް މި ސަރުކާރުން ވަނީ ޓީޗަރުންގެ އެ މައްސަލައަށް ވެސް ހައްލެއް ހޯދައިދީފައެވެ. ކުރިން ބެޗަލަރސް ޑިގްރީއަށް ކިޔަވައިގެން ހުރި ޓީޗަރެއްގެ މުސާރަ އަކީ 13،894 ރުފިޔާއެވެ. އެހެންނަމަވެސް މި  ސަރުކާރުން ވަނީ މުސާރަ 18،658 ރުފިޔާއަށް ބޮޑުކޮށްދީފައެވެ. މާސްޓާސް ޑިގްރީއަށް ކިޔަވައިގެން ހުރި ޓީޗަރެއްގެ މުސާރަ އަކީ ކުރިން 16،374 ރުފިޔާއެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 20،027 ރުފިޔާއަށް ބޮޑުކޮށްދީފައެވެ. ޓީޗަރުންގެ މި ކަންބޮޑުވުމަށް ސަރުކާރުން ހައްލު ގެނައުމުން ގިނަ ޓީޗަރުން ތިބީ މިކަމާއި އުފަލުންނެވެ.

ގިނަ ފަހަރަށް މި ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް ދަތިވަނީ ވެސް ކުރާ މަސައްކަތާއި އެއްވަރަށް އުޖޫރަ ނުލިބޭތީ ކަމަށް ވަރަށް ގިނަ މީހުން ވަނީ ފާހަގަކޮށްފައެވެ. އަދި ޓީޗަރުންގެ ގޮތުގައި އެތައް އަހަރެއްވަންދެން މަސައްކަތް ކޮށްފައިވާ މީހުން ވެސް ދާއިރާ ދޫކޮށް, ވަނީ އެހެން ދާއިރާތައް ޚިޔާރުކޮށްފައެވެ. ޓީޗަރުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނުގެ ކުލަ ޖެހި، މި ނިންމުމުގެ ސަބަބުން އެމީހުންނަށް ވެސް ދާއިރާގައި ހިންދެމިލައިގެން ކުރިއަށް ދިޔުމަށް ލިބިގެން މި ދިޔައީ އިތުރު ހިތްވަރެކެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް މިޒަމާނާ ގުޅޭ އެކަށީގެންވާ ހައްގު އުޖޫރައެއް ނުލިބޭކަމުގެ ޝަކުވާާއަކީ ގައުމުގެ ހުރިހާ ކަންކޮޅުތަކުން ވެސް އިވެމުންދާ ޝަކުވާއެކެވެ. އެވާހަކަ ދައްކަނީ ހަމައެކަނި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުން އެކަންޏެއް ނޫނެވެ. އެއީ އެހެން ދާއިރާތަކުގެ ވަރަށް ގިނަ ބަޔަކުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ.

މި މައްސަލަޔަށް ހައްލެއް ނުލިބި އެތައް އަހަރުތަކެއް ފާއިތުވީފަހުން މި ސަރުކާރުން މި މައްސަލައަށް ހައްލު ހޯދައިދިނުމަށް އިސްވުމަކީ، ވައުދުތައް ފުއްދުމުގައި ހާލަތަކަށް ވަގުތަކަށް ނުބަލައި ކަންކަން ކޮށްދިނުމުގެ ރޫހު މިސަރުކާރުގައި ހުރިކަން ހާމަވެގެންދާ ކަމެކެވެ.

ރާއްޖޭގައި ކިޔަވައިދެމުންދާ ޓީޗަރުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 8،625 ޓީޗަރަކު އެކި ސްކޫލްތަކުގައި ދަނީ ކިޔަވައިދެމުންނެވެ. މީގެތެރެއިން 6،279 ޓީޗަރުންނަކީ ދިވެހި ޓީޗަރުންނެވެ. 1،780 ޓީޗަރުންނަކީ ބިދޭސީ ޓީޗަރުންނެވެ. އަދި ވަގުތީ ޓީޗަރުންގެ ގޮތުގައި 566 ޓީޗަރުން ކިޔަވައިދެމުންދާއިރު 385 ޓީޗަރުންނަކީ ސެން ޓީޗަރުންނެވެ. މި ސަރުކާރުން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ އަދަދު ވެސް މަދުކުރުމަށް އަޒުމް ކަނޑައަޅާ އެ އަމާޒަށް ވެސް ވާސިލްވެފައެވެ. މި ތަފާސްހިސާބުތަކަށް ބަލާލުމުން އެކަން ހާމަވެގެންދެއެވެ.

25،000ށްވުރެ ގިނަ ތަމްރީން ޕްރޮގްރާމް ޓީޗަރުންނަށް ހިންގާފައިވާއިރު ބޭރު ޤައުމުތަކުގައި މި ދާއިރާގައި ހިމެނޭ 1،103 މީހަކު ދަނީ ތައުލީމް ހާސިލްކުރުމުންނެވެ. މިއީ ވެސް މި ދާއިރާ ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަޅުގަނޑުމެންނަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރިމަތިލާން ޖެހުނީ ކޮވިޑުގެ ނުރައްކާތެރި ހާލަތާއެވެ. އެހެންނަމަވެސް މި ހާލަތުގައި ވެސް ޓީޗަރުންގެ ހިތްވަރާ މަސައްކަތުން ކުދިންނަށް ގޭގައި ތިބެން ވެސް ތައުލީމު ހާސިލްކޮށްދީފައިވެއެވެ. މީގެ ނަތީޖާއަކަށް ވެގެންދިޔައީ ކޮވިޑުގެ ހާލަތުގައި ވެސް ކުދިންގެ އޯލެވެލް ނަތީޖާތައް އެހެން އަހަރުތަކާ ޚިލާފަށް މަތިވެގެން ދިޔުމެވެ. ޓީޗަރުންނަށް އަމާޒުކޮށް އެކި މަހާސިންތާތައް މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާއިރު އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީން ކުރެވިގެން ވެސް ދިޔައެވެ. މިއީ ހަމަ ޤައިމުވެސް ރާއްޖޭގެ ތައުލީމީ ނިޒާމަށް އައި ވަރަށް ބޮޑު ހެޔޮ ބަދަލެކެވެ. މިކަމުގެ ސަބަބުން ޓީޗަރުންނަށް ކިޔަވައިދިނުމުގެ އައު އުކުޅުތައް ވެސް ދަސްވެގެން ދިޔައެވެ.

މިދާއިރާއަށް ބަލާއިރު ވެސް ފާއިތުވި އަހަރު ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ސެޓެލައިޓް ސްކޫލްގެ ޚިދުމަތް ތައާރަފު ކުރެވުނުއިރު ރާއްޖޭގައި ތައުލީމީ ޤާނޫނެއް ވަނީ އެކުލަވާލާފައެވެ. އަދި އެންޓިބުލީން ޕޮލިސީ ތައާރަފުކޮށް، ތަންފީޒު ކުރަން ވެސް ވަނީ ފަށާފައެވެ. ކުރު ގޮތަކަށް މިދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކުގެ އުސްއަލިތަކަށް މި ރިޕޯޓުގައި ބަލާފައިވާއިރު ޓީޗަރުން ވެސް އެމީހުންނަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭގައި ފަހުރުވެރިވާނެކަން ޔަޤީނެވެ. މި މަސައްކަތްތަކަކީ ހަމައެކަނި ސަރުކާރަކުން ނުވަތަ އެޑިއެކޭޝަން މިނިސްޓްރީއަކުން އެކަނި ކުރެވޭނެ މަސައްކަތްތަކެއް ނޫނެވެ. މި ދާއިރާއަށް އަންނަ ކޮންމެ އަލިކަމަކާއި ކުރިއެރުމެއްގައި ޓީޗަރުންގެ މިންނެތް މަސައްކަތަކާއި ހިތްވަރު އޮންނާނެކަން ޔަޤީނެވެ. މިއަހަރުގެ ޓީޗަރުންގެ ދުވަސް ޓީޗަރުން ފާހަގަކުރަނީ ހިނިތުންވުމާއެކު ހިތްހަމަޖެހިގެން ތިބެގެންކަން ޔަޤީނެވެ. ޓީޗަރުންނަށް ހެޔޮގޮތް ވުމަކީ ގައުމަށް ހެޔޮގޮތް ވުމެވެ.

- ކޮމެންޓް