މީގެ ފަންސާސް އަހަރު ކުރިއެވެ. ރާއްޖޭގެ މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ދިރިއުޅުއްވަމުން ގެންދެވީ އަވައްޓެރި ސްރީ ލަންކާގައެވެ. ތައުލީމު ހާސިލުކުރެއްވުމަށެވެ. ލަންކާގައި ދިރިއުޅުއްވުމުގެ ތެރޭގައި އެގައުމުގައި ހުރި ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރެއްވި ދުވަހެއްގައި ރާއްޖެ އަންނަން ބޭނުންވެފައިވާ އިޓަލީގެ ރައްޔިތަކާ ބައްދަލުވިއެވެ. އެއީ ޖޯޖް ކޯބިންއެވެ.
ޖޯޖް ކޯބިން، ނަސީމު އާއެކު ރާއްޖެ އައެވެ. ރާއްޖެ އާދެވުމާއެކު ރާއްޖޭގެ ރީތިކަން ފެނި ހައިރާންވެ ހުރެ އެވާހަކަތައް ނަސީމު އާއި ހިއްސާކުރިއެވެ. އަދި ގައުމަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ބޭނުންކުރެވޭނެ ކަމަށް ނަސީމުއަށް ދެންނެވިއެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރެވޭނެ ކަމުގެ ވާހަކަތައް ކޯބިން، ނަސީމު އާ ހިއްސާކުރިއެވެ.
މިވާހަކަތަކާއެކު އަހްމަދު ނަސީމު ވަޑައިގަތީ ސްކޫލު ދައުރުއްސުރެ އެކުވެރިއެއް ކަމަށްވާ ކޮލި މުހައްމަދު އުމަރު މަނިކުގެ އަރިހަށެވެ. ކޯބިން ކިޔާދިންފަދަ ކަމެއް ރާއްޖޭގައި ކުރެވޭނަމަ އެކަމުގައި ނަސީމާއެކު އުމަރު މަނިކު އުޅުއްވާނެ ކަމުގެ އިތުބާރު އޮތީމައެވެ. ކަންވީވެސް ހަމަ އެހެންނެވެ. ވާހަކަތައް ހިއްސާކުރުމުން މިމަސައްކަތުގައި އެއްބާރުލުންދޭނެ ކަމަށް މުހައްމަދު އުމަރު މަނިކު ވިދާޅުވިއެވެ.
މިއާއެކު ރާއްޖޭގައި ފަތުރުވެރިކަން ފެށުމުގެ މަޝްވަރާތައް ފެއްޓެވިއެވެ. ރާއްޖޭގެ ފުރަތަމަ ޓްރެވަލް އެޖެންސީ މިއުމަން އުފެއްދެވުމަށް ނިންމެވިއެވެ. ނަމަވެސް މިކަން، ފަސޭހަ ކަމަކަށް ނުވިއެވެ.
ކަންދިމާކުރިގޮތުން މިދުވަސްތައް ވެގެންދިޔައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު، ރާއްޖޭގައި ރިސޯޓު ތަރައްގީކުރުމަށް ވިސްނަވަމުންދިޔަ ދުވަސްކޮޅަކަށެވެ. އެމަނިކުފާނު، ނަސީމްގެ އަރިހު މިވާހަކަތައް ހިއްސާކުރެއްވިއެވެ. އަދި ޓްރެވެލް އެޖެންސީގެ މަސައްކަތްތައް ހުއްޓާލުމަށްފަހު އެމަނިކުފާނާއެކު ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަދައިގެންނެވިއެވެ.
ނަމަވެސް އަހްމަދު ނަސީމް، ރައީސްގެ އެ އެދިލެއްވުމަށް އިޖާބައެއް ނުދެއްވައެވެ. ރައީސަށް ދެންނެވީ ބޭރުގެ މީހަކާއެކު އެޖެންސީއެއް އުފައްދައި މަސައްކަތްކުރުމަށް އެއްބަސްވުމަކަށް ގޮސްފައިވާ ވާހަކައެވެ. އެހެންކަމުން ދެއްވާފައިވާ ބަހުގެ އިތުބާރު ގެއްލޭފަދަ ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ދެންނެވިއެވެ.
މިވާހަކަތައް މުހައްމަދު އުމަރު މަނިކާވެސް ނަސީމު ހިއްސާކުރެއްވިއެވެ. ދެ ބޭފުޅުންވެސް ނިންމެވީ ކުރިން މަޝްވަރާކުރެވުނު ގޮތަށް އެޖެންސީގެ މަސައްކަތް ކުރައްވާށެވެ. އަދި މި ދެބޭފުޅުންގެ މަސަތްކަތާ ޗަމްޕާ ހުސެން އަފީފް ވެސް ގުޅިވަޑައިގަތެވެ.
ކުރިންވެސް ފާހަގަކުރިގޮތަށް މިކަން ފަސޭހަ ކަމަކަށް ނުވިއެވެ. ގިނަ ގޮންޖެހުންތަކަކާ މި ބޭފުޅުން ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
އަހްމަދު ނަސީމު އޭރު މަސައްކަތްކުރައްވަމުން ގެންދެވީ ރާއްޖޭގެ ހާރިޖީ ވުޒާރާގައިކަމުން ވުޒާރާގެ މަސަތްކަތެއްގައި ބޭރު ގައުމަކަށް ފޮނުވާލެއްވިއެވެ. މުހައްމަދު އުމަރު މަނިކު ގޭބަންދު ކުރެވުނެވެ. ހުސެން އަފީފް ތުރާކުނަށް އަރުވާލެއްވިއެވެ. އަދި މީގެ އިތުރުންވެސް ގިނަ ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
މިހުރިހާ ކަމަކާއެކުވެސް މި ބޭފުޅުން މަސައްކަތް ހުއްޓައެއް ނުލައްވައެވެ.
މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ކިޔާދެއްވި ގޮތުގައި އެމަނިކުފާނު ގައުމުން ބޭރުގައި ހުންނެވުމުން އެމަނިކުފާނުގެ ދައްތަ ސަލީމާގެ އަރިހު، ރާއްޖެ ވަޑައިގެން ކުރުނބާ މޯލްޑިވްސް ރިސޯޓްގެ މަސައްކަތްތައް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރިސޯޓުގެ މަސައްކަތްތައް ކުރެއްވީ ދައްތަ އާއި ބައްޕަކަމަށް މިނިސްޓަރު ނަސީމު ފާހަގަކުރައްވައެވެ. ބައްޕަގެ އިރުޝާދާ އެހީއާ ނުލައި މިކަން ނުކުރެވިނީސް ކަމަށްވެސް މިނިސްޓަރު ވިދާޅުވެއެވެ.
ރާއްޖޭގައި ވަރަށް އާދައިގެ ގޮތަކަށް ފަތުރުވެރިކަން ފެށުނެވެ. އެގޮތަށް ފެށުނު ފަތުރުވެރިކަމަށް މާބޮޑެތި ކުރިއެރުންތަކެއް ނައިސް ދުވަސްކޮޅެއް އެގޮތުގައި ކުރިޔަށްދިޔަ އެވެ. މީ ނަސީމު ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގެ ފުރަތަމަ މަރުހަލާއެވެ.
ގައުމުގެ ފަތުރުވެރިކަން، އޭގެ އެންމެ ޅަފަތުގައި އޮތް ދުވަސްވަރު، ނަސީމަށް ޖަލަށް ވަޑައިގަންނަވަން ޖެހި ވަޑައި ގެންނެވިއެވެ. އެކަމުގެ ސަބަބަށް ބަލާނުލި ނަމަވެސް، ޖަލުގައި ހޭދަކުރެއްވި ދުވަސްކޮޅު ނަސީމުގެ ވިސްނުން ހުރީ ފަތުރުވެރިކަމާ ގުޅިފައިކަން ފާހަގަކޮށްލާނަމެވެ. ޖަލުން ނުކުމެވުމުން އަނެއްކާވެސް އަނބުރާ ފަތުރުވެރިކަމުގެ މަސަތްކަތުގައި ޝާމިލުވާން އެމަނިކުފާނު ހުންނެވީ ތައްޔާރަށެވެ.
ޖަލުން ނުކުމެވުނު އިރު، މަންޒަރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެމަނިކުފާނުގެ މުދާތައް ވަނީ ސަރުކާރަށް ނަގާފައެވެ. ނަމަވެސް މިކަންކަމާއެކުވެސް ހިތްވަރު އެލުވާލައިގެން ހުންނާނެ މާގިނަ ދުވަސްތަކެއް އެމަނިކުފާނަކަށް ނުލިބުނެވެ.
ޖަލުން ނުކުމެ ދެ ހަފުތާވެސް ނުވަނީސް ގިރާވަރު ކުއްޔަށް ނެގުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އެއާއެކު ބޭންކުން ލޯނެއް ނަންގަވައި އެރަށް ކުއްޔަށް ނެންގެވިއެވެ. އަދި ގިރާވަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ.
އެދުވަސްވަރު ރާއްޖޭގެ ފުރަތަމަ ރިސޯޓު ކުރުނބާ މޯލްޑިވްސް ހުޅެވުނެވެ. ހަމަ އެދުވަސްވަރު ގިރާވަރުވެސް ރިސޯޓެއްގެ ގޮތުގައި ހުޅުވެނެވެ. އޭރުގެ އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ދެވޭނެ އިންތިޒާމުތައް ރިސޯޓުތަކުގައި ކުރަންފެށުނެވެ. މަޑުމަޑުން ރާއްޖޭގެ ފަތުރުވެރިކަމަށް ބަދަލުތައް އަންނަން ފެށިއެވެ.
ރަނގަޅު ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް ރަނގަޅު ހިދުމަތް ފަތުރުވެރިންނަށް ފޯރުކޮށްދެވޭ ނަމަ، ރަނގަޅަށް ވިޔަފާރިކުރެވޭނެކަން ފެނިގެދިޔައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އައިސް ބޭރުގެ ކުންފުނިތަކަށްވެސް ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލެވިއްޖެއެވެ.
ޗަމްޕާ ހުސެން އަފީފް، ހިލްޓަން އާއެކު އެއްބަސްވުމަކަށް ދިޔަ ދުވަސް އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމަށް އައި އެންމެ ބޮޑު އިންގިލާބީ ބަދަލެވެ.
މިއާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިތުރު މަސައްކަތްތައް ކުރެވިގެންދިޔައެވެ. އެކި އަހަރު ތަކުގެ މަތިން ތަފާތު ބަދަލުތަކާއި ކުރިއެރުންތައް ފަތުރުވެރިކަމަށް އަންނަންފެށިއެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްދީ ސިނާއަތްކުރިއެރުވުމުގެ މަގު ސަރުކާރުތަކުން ފަހިކޮށްދިނެވެ. ސިނާއަތުގައި އެންމެ އާދައިގެ މަސައްކަތްކުރާ މީހުނުން ފެށިގެން އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ މީހުންގެ ހިއްސާވެސް މީގައި ހިމެނެއެވެ.
މަޑު މަޑުން ކުރިއަރުވަމުން އައި ފަތުރުވެރިކަން މިއަދު މިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަންޒިލަކަށް ރާއްޖެ ހަދާފައެވެ.
މަދު ބަޔަކު ފެށި މަސައްކަތް ފުޅާވެ މުޅި ރާއްޖޭގައި މި މަސައްކަތް މިހާރު ކުރެވޭއިރު، މި ސިނާއަތުގެ ފައިދާވެސް މުޅި ރާއްޖެއަށް މިހާރު ލިބެއެވެ. ސިނާއަތުގައި މަސައްކަތްކުރާ މީހުންނާ ނުސީދާކޮށް ސިނާއަތާ ގުޅުންހުރި މަސައްކަތްތައް ކުރާ މީހުންނަށްވެސް މިފައިދާތައް މިއަދުކުރެއެވެ. ފަތުރުވެރިކަމުން ލިބޭ އާމްދަނީ އަކީ މިހާރު މުޅި ގައުމުގެ ތަރައްގީއާ ގުޅިފައިވާ އާމްދަނީއެކެވެ.
1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖޭގައި ހުޅުވުނު ޓޫރިސްޓު ރިސޯޓާއެކު ނިދިފައި އޮތް ގައުމުގެ އިގުތިސާދު ހޭލައްވައިލިއެވެ. ރާއްޖޭގެ ފަތުރުވެރިކަން މުޅި ގައުމު ފަހުރުވެރިވާ މިންވަރަށް ކުރިއަރާފައިވާއިރު، މިހާރު މިފާހަގަކުރަމުންދަނީ ގައުމުގެ ފަތުރުވެރިކަމުގެ ރަން އަހަރެވެ. މި ރަން އަހަރާއެކު 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ފުރަތަމަ ފަހަރަށް އަޅުގަނޑުމެން މިވަނީ ގައުމީ ފަތުރުވެރިމުގެ ދުވަސްވެސް ފާހަގަކޮށްފައެވެ.