އިޓާލިއަން ލީގުގެ ސަމްޑޯރިއާގެ ކޯޗު މާކޯ ގިއަމްޕައޮލޯ މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކޮށްފައިވަނީ އިޓާލިއަން ލީގުގައ އާދިއްތަ ދުވަހުގެ ރޭ ސަމްޑޯރިއާ އިން މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. ސަމްޑޯރިއާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 3-0 އިންނެވެ. ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް އެ ޓީމު މޮޅުވެފައެއް ނުވެއެވެ. ހަ މެޗުން ބަލިވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އެ ޓީމު އޮތީ ވެސް އިޓާލިއަން ލީގުގެ ފުލުގައެވެ.
ސަމްޑޯރިއާގެ ކޯޗުކަމުގެ މަގާމަށް އޭނާ ހަމަޖައްސާފައިވަނީ ވެސް މިއަހަރުގެ ތެރޭގައެވެ. ނަމަވެސް ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާގެ ސަބަބުން ކުރިން ވެސް އޭނާ އަށް ޕްރެޝަރު އޮތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާގެ އިރުޝާދުގެ ދަށުން ސަމްޑޯރިއާ ވަނީ މިހާތަނަށް 25 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން މޮޅުވެ ތިން މެޗުން އެއްވަރުވެފައެވެ. އަނެއް 16 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
އުމުރުން 55 އަހަރުގެ ގިއަމްޕައޮލޯ މީގެ ކުރިން ވަނީ އިޓާލިއަން ލީގުގެ އޭސީ މިލާނާއި، ޓޮރިނޯގެ ކޯޗުކަން ވެސް ކޮށްފައެވެ.