ސައުދީ ރަސްކަމުގެ ޚާންދާނަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން މައިގަނޑު ބަދަލެއްގެ ގޮތުން ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ދަރިކަލުން ވަލީއަހުދު ކަމަށް އައްޔަން ކުރެއްވި ކަމަށް ބުދަ ދުވަހު އިއުލާނު ކުރައްވައިފިއެވެ.
ސަލްމާން ރަސްގެފާނަށް ފަހު ތަޚުތައް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި އޮތް އުމުރުފުޅުން 57 އަހަރުގެ މުހައްމަދު ބިން ނާއިފް ވަނީ ޝާހީ އަމުރުފުޅަކުން ވަލީ އަހުދުކަމުން ވަކި ކުރައްވާފައެވެ.
އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރަސްގެފާނުގެ ދަރިކަލުން އަދި ކުރިން ވަލީ އަހުދުގެ ނައިބަކަށް ހުންނެވި އުމުރުފުޅުން 31 އަހަރުގެ މުހައްމަދު ބިން ސަލްމާންއެވެ.
ސައުދީ ރަސްމީ ނޫސް އޭޖެންސީ ބުނާ ގޮތުގައި ވަލީއަހުދުގެ އިތުރުން އެ މަނިކުފާނު ވަނީ ބަޮޑުވަޒީރުގެ ނައިބު ކަމަށް ވެސް އައްޔަން ކުރައްވާފައެވެ.
އެ މަނިކުފާނު މިހާރު ވެސް ގެންދަވަނީ ޑިފެންސް މިނިސްޓަރުކަމާއި, ގައުމުގެ އިގްތިސާދު އަލުން ބަދަލުތައް ގެންނަމުންދާއިރު އިކޮނޮމިކް ކައުންސިލްގެ އިސްވެރިޔާގެ މަގާމް ވެސް ފުރުއްވަމުންނެވެ.
ޝާހީ އާއިލާގެ ކަންކަން އޮބްޒަރވް ކުރަމުންދާ ފަރާތްތަކުން މާކުރިން ވެސް ވަނީ ސަލްމާން ރަސްގެފާނަށް ފަހު ދަރިކަލުން ސައުދީގެ ތަޚުތު ހޯއްދެވުމަށް އަވަސްވެ ގަންނާނެ ކަމަށް ތުހުމަތުކޮށްފައެވެ.
ރަސްގެފާނު ސަލްމާން 2015 ވަނަ އަހަރު ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވެސް ޒުވާން އަމީރަކީ ބޭރު ދުނިޔެއިން ވެސް ކޮންމެވެސް ވަރަކަށް ދަންނަ ބޭފުޅެކެވެ.
ސަލްމާން ރަސްގެފާނު ވަލީ އަހުދުކަމުގައި ހުންނެވި އިރު އެ މަނިކުފާނަކީ ރޯޔަލް ކޯޓުގެ އިސްވެރިޔާއެވެ.
ކުރީގެ ވަލީއަހު ވަނީ އެ މަނިކުފާނު އަދާކުރައްވަމުން ގެންދެވި އިންޓީރިއާ މިނިސްޓަރުގެ މަގާމުން ވެސް ވަކިކުރައްވާފައެވެ.
ސައުދީގެ ދައުލަތުން ހިންގާ އަލް އަރަބިއްޔާ ބުނެފައިވާ ގޮތުގައި މި ބަދަލުތައް ގެނައުމަށް ސައުދީގެ އެލަޔަންސް ކަައުންސިލުގެ 34 މެމްބަރުންގެ ތެރެއިން 31 މެމްބަރަކު ތާއީދުކުރެއްވިއެވެ.