ހުޅުމާލެއިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް އަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ފުލުހުން ބުނީ ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނީ ފުލުހުންގެ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އާދީއްތަ ދުވަހުގެ ހަވީރު 5:45 އެހާއިރެވެ. ފުލުހުން ބުނީ އޭނަގެ ހަށިގަނޑު ފެނުނު ސަރަހައްދުން އޭނާގެ ފޯނު ފެނިފައި ނުވާ ކަމަށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭގެ ވޯޓާތީމް ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުން ކަމަށެވެ. އޭނާ ވިދާޅުވީ ޕޯސްޓްމޯޓަމް ހަދާނެކަން އަޒްހާންގެ އާއިލާއަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި އަޒްހާންގެ ހަށިގަނޑިކަމަށް ބެލެވޭ ހަށިގފަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ބުނީ މިހާތަނަށް އައި އިރު އަދި ސީން ރަނގަޅަށް ޕްރޮސެސް ނުކުރެވޭ ކަމަށާއި ފެނުނު ހަށިގަނޑުގައި ޒަހަމްތައް ހުރިކަން ދެނެގަންނަން މިވަގުތު ދަތިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން އަންނަ އަޒްހާން އެންމެ ފަހުން ފެނިފައި ވަނީ ހުދު ކާރަކަށް އަރައިގެން ދަނިކޮށްކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
އުމުރުން 27 އަހަރުގެ އަޒްހާން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ ރޭގަނޑު 7 ޖަހާ އެހާކަންހާއިރުއެވެ. މެރާކީ ކެފޭގައި ބަރިސްތާއެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަޒްހާން ދިރިއުޅެމުން އައީ ހިޔާ ޓަވަރުގެ ފްލެޓެއްގައި، އޭނާގެ އާއިލާއާއެކުގައެވެ.
މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބުނީ، ފުލުހުން މިހާތަނަށް ބެލިބެލުމުން، އަޒްހާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހު ފަތިހު ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރަނިކޮށްކަމަށެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުން، އެ ދުވަހުގެ ފަތިހު 4:53ހާއިރު އޭނާ ޓެކްސީއަކަށް އަރާ މަންޒަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.