ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 06:59
ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން
ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލީގު
ބާސެލޯނާ މޮޅުވުމުގެ ސިލްސިލާ ކުރިއަށް، ލެވަންޑޯސްކީއަށް ހުއްޓުމެއް ނެތް
ހޮނިހިރު ދުވަހުގެ ރޭ މަޔޯކާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބުކުރީ 1-0 އިން

ސްޕެނިޝް ލީގުގައި މަޔޯކާ ބަލިކޮށް ބާސެލޯނާ އިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މަޔޯކާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބުކުރީ 1-0 އިންނެވެ.

މި ސީޒަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބާސެލޯނާ ބަލިވެފައެއް ނުވެއެވެ. ލީގުގައި އެ ޓީމުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މަޔޯކާއާ ދެކޮޅަށް ބާސެލޯނާގެ ފުރަތަމަ 11 ގައި މުހިންމު ކުޅުންތެރިން ހިމަނާފައެވެ. އެ ޓީމުގެ ފޯވާޑު ލައިންގައި ތިބީ މި ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި، ފްރާންސްގެ އޮސްމާން ޑެމްބެލޭގެ އިތުރުން ސްޕެއިންގެ ޒުވާން އަންސު ފާޓީއެވެ.

މެޗު ފަށައިގެން ބާސެލޯނާއިން ވަނީ ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ. މެޗުގެ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޖެހީ ލެވަންޑޯސްކީއެވެ. އެއީ ފާޓީ ދިން ބޯޅައެއް ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، މަޔޯކާގެ ޑިފެންޑަރެއް ކައިރިން ނައްޓައި ގޯލުގެ ދުރު އަރިމަތީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ހަތް މެޗުން ޖުމުލަ 19 ޕޮއިންޓު ހޯދައިގެން ބާސެލޯނާ އޮތީ ތާވަލްގެ އެއް ވަނަ މަގާމުގައެވެ. ދެ ވަނައިގައި އޮތީ ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން 18 ޕޮއިންޓާއެކު ޗެމްޕިއަން ރެއާލް މެޑްރިޑެވެ. އާދިއްތަ ދުވަހުގެ ރޭ އޮސަސުނާ އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ރެއާލަށް އެބަ އޮތެވެ.

- ކޮމެންޓް