ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 18:02
ދިރާގު
ދިރާގު
ދިރާގަށް 34 އަހަރު
ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ފެށި ދިވެހި ކުންފުންޏަށް 34 އަހަރު
ދިވެހި ކުންފުންޏެއްގެ ގޮތުގައި ފެށި ދިރާގުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން
ދިރާގުގެ ޚިދުމަތް ފަށާފައިވަނީ 1 އޮކްޓޯބަރު 1988 ގައި

ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް މިއަދު ކޮންމެ ވަގުތަކު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އާއިލާ މީހުންނާއި ރަހުމަތްތެރިންގެ ހާލުވަގުތުން ބަލާލެވެއެވެ. ނަމަވެސް މިއީ އަބަދު މިކަން އޮތް ގޮތެއް ނޫނެވެ. ރަށުން ބޭރުގައި ދިރިއުޅޭ ރަހުމަތްތެރިޔާ ނުވަތަ އާއިލާ މީހެއްގެ ހާލު ބަލަން އޭނާގެ ސިޓީއަކަށް އިންތިޒާރުކޮށްގެން ތިބެން ޖެހުނު ދުވަސްތަކެއް ވެސް ދިޔައެވެ. ދިވެހިން އެ ހާލަތުގައި ތިއްބާ އެއް ރަށް އަނެއް ރަށާ މުއާސަލާތީ ޚިދުމަތުން ގުޅުވާލީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް ނުވަތަ ދިރާގުންނެވެ. އެ ކުންފުނިން ރާއްޖޭގައި މި ޚިދުމަތް ފެށިތާ މިހާރު މިވަނީ 34 އަހަރުވެފައެވެ.

ދިރާގުން ރާއްޖޭގައި މުއާސަލާތީ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 1988 ގައެވެ. އެގޮތުން އެ އަހަރުގެ މެއި މަހުގެ ތެރޭގައި ކުންފުނި ރަޖިސްޓްރީ ކުރުމަށްފަހު ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ދިރާގުން ދޭން ފެށީ ލޭންޑް ލައިނުގެ ޚިދުމަތާއި ފޯނު ބޫތުގެ ޚިދުމަތެވެ. އެއަށްފަހު ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ފުޅާ ކުރަމުން އައިސް މިއަދު އެ ކުންފުންޏަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ރާއްޖެއަށް ޚިދުމަތް ދެމުން އަންނަ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ދިރާގަކީ ޒަމާނާއެކު ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއާ އެއް އެއްވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ކުރަމުން އަންނަ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މުޅި އޭޝިއާ ސަރަހައްދަށް ބަލާއިރު ވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ ޤައުމުތަކާ މުއާސަލާތީ ދާއިރާއިން ވާދަކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ރަށަކަށް 3ޖީ އާއި 4ޖީގެ ޚިދުމަތް ތައާރަފު ކޮށްފައިވާއިރު އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީގެ ޚިދުމަތް ވެސް އެ ދިރާގުން ވަނީ ރާއްޖެއަށް ތައާރަފުކޮށްފައެވެ.

މީގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އެ ކުންފުނިން ވަނީ ގޭގެއަށް އިންޓަރނެޓް ގުޅައިދިނުމަށް ހައި ސްޕީޑް ފައިބަރ އިންޓަރެނޓްގެ ޚިދުމަތް ވެސް ރާއްޖެއަށް ތައާރަފު ކޮށް ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް އެ ޚިދުމަތް ފޯރުކޮށްދީފައެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު އެއް ފައިބަރ ނެޓްވޯކެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީޓީވީގެ ޚިދުމަތް ވެސް ތައާރަފު ކޮށްފައިވަނީ ދިރާގުންނެވެ. އެ ކުންފުނިން ދެމުން އަންނަ މި ޚިދުމަތް މާލެއާ އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ އާބާދީގެ 85 އިންސައްތައަށް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަކީ 1988 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ ދިވެހި ކުންފުންޏެކެވެ. އެހެންކަމުން މިއަދު އެކުންފުނިން ހޯދާފައިވާ ކުރިއެރުންތައް ހޯދުމުގައި ދަތިތަކެއް ހުންނާނެ ކަން ވެސް ޔަގީނެވެ. ނަމަވެސް އެ ކުންފުނީގެ އަމާޒަކަށްވީ ޚިދުމަތުގައި އެއްވެސް ތަފާތު ކުރުމެއް ނެތި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ރާއްޖެއަށް ތައާރަފު ކުރުމެވެ. އަދި ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

ދިރާގު ހާއްްސަވާ އަނެއް ކަމަކީ އެ ކުންފުންޏަކީ ދިވެހިންގެ ކުންފުންޏަކަށް ވުމާއެކު އެ ކުންފުނީގައި ދިވެހި މުވައްޒަފުން ގިނަވުމެވެ. އެގޮތުން އެ ކުންފުނީގައި މިހާރު މަސައްކަތް ކުރާ މުވައްޒަފުންގެ 99 އިންސައްތައަކީ ދިވެހިންނެވެ. އެ ކުންފުނިން މެނޭޖްމަންޓް ދާއިރާއިން ފެށިގެން ޓެކްނިިކަލް ދާއިރާތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވަނީ ދިވެހިންނެވެ. އެ ކުންފުނިން ދިވެހި މުވައްޒަފުންނަށް އިސްކަން ދިނުމުގެ ގޮތުން އެކި ދާއިރާތަކުން ދިވެހިން ތަމްރީން ކުރުމަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ވެސް ކުރިއަށްގެންދެއެވެ. މި ޕްރޮގްރާމުގެ ދަށުން އެތައް ޒުވާނުންނަކަކަށް ޓެލެކޮމިއުނިކޭޝަން ދާއިރާއިންނާއި އެ ނޫން ވެސް ތަފާތު ދާއިރާތަކުން ދިރާގުން ވަނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައެވެ.

މުއާސަލާތީ ޚިދުމަތާއި ޑިޖިޓަލް ޚިދުމަތުގެ އިތުރުން ދިރާގަކީ އިޖުތިމާއީ ރޮނގުން ވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމަށް ބާރު އެޅުމުގެ ގޮތުން ވެސް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައި އެކަން އިއުލާންކޮށް، އާއްމުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުުމުގެ ޕްރޮގްރާމެއް ފެށި ފުރަތަމަ ކުންފުންޏަކީ ވެސް އެ ކުންފުންޏެވެ.

ދިރާގުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމެވެ.

- ކޮމެންޓް