ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 15:09
ސަޔުއާން ޒޫޖީ؛ ޗައިނާގެ ފަންނުވެރިއެއް
ކޮވިޑަށް ޓެސްޓުކުރާ މަންޒަރު ވީޑިއޯ ކުރުން
ކޮވިޑަށް ޓެސްޓުކުރުމުގެ ކުރިން އަނގަޔަށް ކެމެރާއެއް ލައިފިއްޔާ ދެން ވާނީ ކިހިނެއް؟
އޭނާގެ އަމާޒަކީ، ޓެސްޓުގެ މަންޒަރުތައް ގްރިޑެއްގެ ސިފާގައި އެއް ވަގުތެއްގައި ފެންނާނެހެން ބޮޑު ސްކްރީނެއްގައި އެޅުވުން
މިހާތަނަށް އޭނާ ވަނީ އެފަދަ ސާޅީހަކަށް ޓެސްޓު ވީޑިއޯ ކޮށްފައި
ސަޔުއާން އެ މަންޒަރުތައް ވީޑިއޯ ކުރަން ނިންމީ، ހަށިގަނޑު ތެރެއަށް ވައިރަސް ވަދެގަތުމަށް ބޭނުންކުރާ މައި ދޮރޯއްޓަކީ އަނގަ ކަމުގައި ވިސްނެންފެށި ހިސާބުން

ކޮވިޑް-19ށް ޓެސްޓުކުރުމަކީ، 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް ޗައިނާގެ އާންމުންނަށް މިއަދު އެމީހުންގެ އާންމު ދިރިއުޅުމުގެ ތާވަލާ ގުޅިފައި އޮތް ކަމެކެވެ. ކޮވިޑް-19ށް ޓެސްޓުކުރުމަކީ ގަވައިދުން ކުރަން ލާޒިމު ވެފައި އޮތް ކަމަކަށް ވެފައިވާއިރު، އެކަމަށް އާދަޔާޚިލާފު ރޫހެއް ގެނެސްދިން އެކަކީ ކުރެހުމުގެ ދާއިރާގެ ފަންނުވެރިއެކެވެ.

އުމުރުން 33 އަހަރު ސަޔުއާން ޒޫޖީ ދަނީ، ކޮވިޑަށް ޓެސްޓުކުރާ މަންޒަރު ވީޑިއޯކުރަމުންނެވެ. ފަހަރެއްގައިވެސް ޓީވީތަކުން ފެންނަ ގޮތަށް، 2 ވަނަ މީހާގެ ނަޒަރިއްޔާއަކުން ނޫނެވެ. މާޗް މަހުން ފެށިގެން އޭނާ އެކަން ކުރަމުން ދަނީ، އަނގައިގައި ވީޑިއޯ ކެމެރާއެއް ހަރުކޮށްގެންނެވެ.

އަހަރެންގެ ނަމަކީ ސަޔުއާން ޒޫޖީ. އަހަރެންނަކީ އާރޓިސްޓެއް. މި އުޅެނީ މި ކުޑަ ކެމެރާ ނަގާ، އަނގައަށް ލާން. ކޮވިޑް ޓެސްޓުކުރާ ގޮތް، އެންމެ އާދަޔާ ޚިލާފު ނަޒަރިއްޔާއަކުން ދައްކާލަން ވެގެން.
ސަޔުއާން ޒޫޖީ؛ ޗައިނާގެ ފަންނުވެރިއެއް

އޭނާގެ ވީޑިއޯތަކުން ފެންނަނީ އޭނާގެ އަނގަ ތެރެއެވެ. ދަތްޕިލައާއި ދުލާ ދިމާއިން، ކޮވިޑަށް ޓެސްޓުކުރާ ކަފަބުރު ވަދެގެން އަންނަ މަންޒަރެވެ. ބައެއް ފަހަރު، ކޮވިޑަށް ޓެސްޓުކޮށްދޭ ހެލްތު ވޯރކަރުވެސް ފެންނަން ހުރެއެވެ.

އަހަރެން ދައްކުވައިދޭން ބޭނުންވަނީ މީ އަހަރުމެންގެ މިހާރުގެ ދިރިއުޅުންކަން. އަހަރުމެން ދިރިއުޅެނީ މިހެން ކަން. މިކަހަލަ ޓެސްޓުތައް ކުރުމަކީ މިހާރު އަހަރުމެންނަށް އާންމު ކަމެއް. ފުދޭ ވަރަކަށް ކުރަން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ފަހަރަކު ޓެސްޓު ކުރެވިއްޖެ. މީ އަހަރުމެން މިހާރު އުޅެން ޖެހޭ ހާލު. މީ މި ދަނޑިވަޅަށް ޚާއްސަ ކަމެއް.
ސަޔުއާން ޒޫޖީ؛ ޗައިނާގެ ފަންނުވެރިއެއް

އޭނާ ބުނާގޮތުގައި އެ މަންޒަރުތައް ވީޑިއޯކުރަން ނިންމީ، ހަށިގަނޑު ތެރެއަށް ވައިރަސް ވަދެގަތުމަށް ބޭނުންކުރާ މައި ދޮރޯއްޓަކީ އަނގަ ކަމުގައި ވިސްނެން ފެށި ހިސާބުންނެވެ. މިހާތަނަށް އޭނާ ވަނީ އެފަދަ ސާޅީހަކަށް ޓެސްޓު ވީޑިއޯކޮށްފައެވެ. އަތުގެ ބޮޑުވާއިނގިލިވަރުގެ ކެމެރާއެއް އަނގަ ތެރޭގައި ބާއްވައިގެން، ކޮވިޑަށް ޓެސްޓު ހަދަމުންދާ މަންޒަރުތައް އަދިވެސް އިތުރަށް ވީޑިއޯކުރާނެކަމަށް ސަޔުއާން ޒޫޖީ ބުނެއެވެ.

އޮފިޝަލުން އުޅެނީ މާ މަތީގަ. އެމީހުން ހީކުރަނީ އަހަރުމެން ކަމަށް މައްސަލައަކީ. އެއީ މަށަށް އެކަން އިހުސާސްކުރެވޭ ގޮތް. ހޮސްޕިޓަލަށް ދަނީ ވަރަށް އުނދަގޫވެފަ ހުރެގެން. އެކަމަކު އަހަރެން ދިރިއުޅެނީ އެކަހަލަ އެއްވެސް އުނދަގުލަކާ ނުލާ. އަހަރެން މި ހުންނަނީ ސިއްހަތު ސަލާމަތުން. މޫޑުވެސް ރަނގަޅު. ދެން އެހެންވިއްޔާ އަހަރެން ކީއްކުރަން ހޮސްޕިޓަލަށް ދާންވީ މި ޓެސްޓެއް ކުރަން؟ އެއީ މިކަން ފެށުނު ގޮތަކީ.
ސަޔުއާން ޒޫޖީ؛ ޗައިނާގެ ފަންނުވެރިއެއް

އޭނާގެ އަމާޒަކީ، ޓެސްޓުގެ މަންޒަރުތައް ގްރިޑެއްގެ ސިފާގައި އެއް ވަގުތެއްގައި ފެންނާނެހެން ބޮޑު ސްކްރީނެއްގައި އެޅުވުމެވެ. ބަލިމަޑުކަމުގައި ޗައިނާގެ އާންމު ދިރިއުޅުން އޮތް ގޮތް ބަޔާންކޮށްދިނުމަށެވެ. އެ މަޝްރޫއަށް ދީފައިވާ ނަމަކީވެސް "ކޮވިޑް ޓެސްޓް"އެވެ.

ފަހުގެ ތާރީޚު ދެކެފައިނުވާފަދަ ވަރުގަދަ ބަލިމަޑުކަމެއްގައި ދުނިޔެ އިނދަޖައްސާލީ ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހަކުންނެވެ. އެ ވައިރަހުގެ އަސްލަކީ ކޮބައިކަން އަދާ ޖެހެނުއިރުވެސް ދެނެގަނެވިފައި ނުވާއިރު، ބަލީގެ އެންމެ ފުރަތަމަ ކޭސްތައް ރިޕޯޓްކުރަން ފެށީ، ޗައިނާގައި ގަވައިދާ ޚިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުން ދިޔަ ބާޒާރަކުންނެވެ. އެއީ ވޫހާން ސިޓީން، 2019 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މަހެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ބަލިމަޑުކަމެއްގެ ދަރަޖައަށް ހާލަތު ގޯސްވެ، މުޅި ދުނިޔެ ފުރަބަންދުކޮށް، ހުއްޓުމަކަށް ގެނައެވެ.

އާ އާންމު ހާލަތުގެ ދަށުން، ގައުމުތައް އަލުން ހިންގަން ފެށި ނަމަވެސް، ޗައިނާއިން ތަންފީޒުކުރަމުން ދަނީ "ޒީރޯ ކޮވިޑް"ގެ ސިޔާސަތެކެވެ. އެހެން ޤައުމުތަކާ ޚިލާފަށް، ޗައިނާ އަދިވެސް އޮތީ "ޚާއްސަ ހާލަތުގަ"އެވެ. ސަޔުއާން ޒޫޖީ ބުނާ ގޮތުގައި، ކޮވިޑް ޓެސްޓު ވީޑިއޯ ކުރުން އަދިވެސް އޮތީ ކުރިއަށެވެ. ބަލިމަޑުކަމަށް ނިމުން އަންނަންދެން އެކަން ކުރާނެ ކަމަށް އޭނާ ބުނެއެވެ.

- ކޮމެންޓް