ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި، ސްކޫލްތައް ކުރިއެރުވުމާއި އަދި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅުކުރުމަށް ވޯރލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 9 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފާސްކޮށްފިއެވެ.
ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި އަދި ފަށާ ސާނަވީ ތައުލީމު ރާއްޖެއިން އެންމެންނަށް ފޯރުކޮށްދީފައި ވީނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާއި އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދުގައި އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރިއިރު، އަތޮޅުތަކުގެ މެދުގައި އަދި އަތޮޅުތަކުގެ ރަށްރަށުގެ މެދުގައިވެސް ތަފާތުތަކެއް އެބަހުއްޓެވެ. ގްރޭޑް 4އާއި ގްރޭޑް 7ގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް %50 އާ %60 ދެމެދުގެ މިންވަރެއްގައެވެ.
އަލަށް މި ފަށާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ، އިގުތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެއެވެ. މި މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތައުލީމު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. ހަކަތަ އިގުތިސާދުކުރުމާއި ކުނި މަދުކުރުންފަދަ، ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒުކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެއެވެ.
އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރުވެސް މިހާރަށްވުރެ ހަރުދަނާކުރެވިގެން ދާނެއެވެ. އަދި ޚާއްސަ ޕްރޮގްރާމްތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި މެނޭޖްމަންޓް އޮފިޝަލުންނާއި ޓީޗަރުންގެ ހުނަރުވެސް ރަނގަޅުކުރެވޭނެއެވެ.
މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. މި މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯރލްޑް ބޭންކްގެ ގޮފިކަމަށްވާ "އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)" އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ޚަރަދުކުރުމަށް ނިންމާފައިވާ 1 މިލިއަން ޑޮލަރެވެ.