މާޒީގައި ކަންތައް ވެފައިވާގޮތަށް ބަލައިގެން އެއްވެސް މީހަކު ޖަޖްނުކުރާނެކަމަށް، ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފިއެވެ.
އިންޓަނޭޝަނަލް ބްރޭކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ހޮނިހިރު ދުވަހު ފަށާއިރު، ޗެލްސީން ނިކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ. ޕޮޓާ މިހެން ބުނީ ޗެލްސީއަށް ކުޅެމުން އަންނަ ކްރިސްޓިއަން ޕުލިސިޗާ ގުޅޭ ގޮތުން ވާހަކަދައްކަމުންނެވެ.
އޭނާ ބުނީ ޕުލިސިޗް ހުރީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި، އޭނާއަކީ ވަރަށް ސްމާޓް ކުޅުންތެރިއެއް ކަމަށެވެ. ޕޮޓާ ބުނީ އޭނާ ޕުލިސިޗާ ވާހަކަދައްކައި މަޝްވަރާކޮށްފައިވާކަމަށާއި، އެ މަޝްވަރާތައް ކުރިއަށް ދިޔައީވެސް ރަނގަަޅަށްކަމަށެވެ. މީގެ އިތުރުން ޕޮޓާ ބުނީ، މާޒީގައި ކަންތައްވެފައި އޮތް ގޮތަކީ އޭނާ ބަލަން ބޭނުންވާ ކަމެއް ނޫންކަމަށެވެ. އަދި އެކަންކަމަށް ބަލައި މިހާރު ޖަޖްކުރުމަކީ އޭނާ ކުރާނެ ކަމެއްވެސް ނޫންކަމަށެވެ. އިތުރަށް ޕޮޓާ ބުނީ އޭނާ ކަންކަން ނިންމާނީ އަމިއްލައަށް ވިސްނުމަށްފަހު ކަމަށާއި، ފުޓުބޯޅައިގައި ކަންކަން އޮންނަންވާނީ އެގޮތަށް ކަމަށެވެ.
ޗެލްސީގެ ކޯޗުކަމަށް ޕޮޓާ ހަމަޖެއްސިފަހުން އެ ޓީމުން ކުޅުނީ އެންމެ މެޗެކެވެ. އެއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސަލްސްބާގާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު ވަނީ އެއްވަރުވެފައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
