ސްކޫލްތަކުން ފާހަގަކުރާ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާކަމަށް ފާހަގަކުރެވޭކަމަށާއި، އެއީ އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭކަމެއް ނޫންކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ސޮއިކުރައްވައި ހުރިހާ ސްކޫލްތަކަށް ފޮނުވާފައިވާ ސިޓީގައި ވަނީ، އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެގޮތުގައި ފައިސާ ހޯދުމާއި، ބެލެނިވެރިން ލައްވައި ބޮޑެތި ހޭދަތައްކުރުމަކީ އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއްނޫންކަމަށެވެ. އެގޮތަށް އެކަން ކުރުމުގެސަބަބުން ބެލެނިވެރިންގެ ފަރާތުން ޝަކުވާ ލިބެމުންދާކަމަށެވެ. އެގޮތުން ކުރާ ހޭދަތަކަށް ބޭނުންވާ ފައިސާ، ސްކޫލުގެ ޕީޓީއޭ މެދުވެރިކޮށާއި އެކިއެކި ފަރާތްތަކުގެ ހިލޭ އެހީއާއި ސްޕޮންސަރގެގޮތުގައި ހޯދާކަން ފާހަގަކުރެވޭކަމަށް މިނިސްޓްރީން ބުނެއެވެ.
ސްކޫލުތަކުގައި ރާވައި ހިންގާ ކޮންމެ ހަރަކާތަކީ އެކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާގޮތަށް ހިންގާ ހަރަކާތްތަކަށް ހެދުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ބެލެނިވެރިން ދަރިވަރުންނަށްޓަކައި ކުރާ ކޮންމެ ހޭދައަކީ އެކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް މިނިސްޓްރީން ބާރުއަޅާކަމަށް ސިޓީގައިވެއެވެ. މީގެ އިތުރުން، ހޭދަތައް ކުރުމުގައި އިގުތިސާދުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ބާރުއަޅައި، ހިތްވަރުދޭންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން މުޅި ދުނިޔެ އިގުތިސާދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް މިފަދަ ދުވަސްވަރެއްގައި، ޚަރަދު ކުޑަކުރުމަށާއި އިސްރާފުކުރުން މަދުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެކަމަށް ހިތްވަރު ދިނުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާތައް ބަދަލުކުރުމާއި އެކިއެކި ހަފުލާތައް ބޭއްވުމަށް ބޮޑެތި ހޭދަތައް ނުކުރުމަކީ މިނިސްޓްރީގެ އިލްތިމާސެކެވެ.އެޑިއުކޭޝަން މިނިސްޓްރީ
އެ މިނިސްޓްރީން ބުނީ، އެގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކްލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅައިކިޔުމާއި ސްކޫލްތެރޭގައި ދަރިވަރުން ދަރަޖަކުރެވި ލޭބަލްކުރުމަށް މަގުފަހިވާކަމަށެވެ. އަދި އޭގެ ސަބަބުން، މުޖުތަމައުގެ ތެރޭގައި ތައުލީމީ ނިޒާމާމެދު ދެކޭގޮތް ބަދަލުވެ ނުރަނގަޅު ތަސައްވުރެއް އުފެދުމަށް މަގުފަހިވެގެން ދާނެކަމަށެވެ.