މާލޭގައި މިހާރު ކުރިއަށްދާ ސާބާ ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އިން މަގާމު ދިފާއުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ލަންކާ އިން ކާމިޔާބުކުރީ 59-72 އިންނެވެ. ލަންކާ އިން އިން ވަނީ އެންމެ ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައެވެ. އެހެންކަމުން މި މެޗުގައި ލަންކާ ބަލިކޮށްގެން ރަން މެޑަލް ހޯދުމުގެ ފުރުސަތު ރާއްޖެއަށް އޮތެވެ. ނޭޕާލާ ދެކޮޅަށް ރާއްޖެއިން ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ލަންކާއާ ދެކޮޅަށް ރާއްޖެއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މެޗުގައި ލަންކާ އިން ވަނީ ފުރުސަތުތަކުގެ ބޭނުން ހިފައި، ރަނގަޅަށް ސްކޯކޮށްފައެވެ. ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު، ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަނީ ފެނިފައެވެ. މެޗުގެ ފުރަތަަމަ ދެ ކުއާޓަރު ވެސް ލަންކާ އިން ނިންމާލީ 24 ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ 22-46 އިންނެވެ. ނަމަވެސް ތިން ވަނަ ކުއާޓަރުން ފެށިގެން ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ރާއްޖެއިން ނަތީޖާގެ ފަރަގު ކުޑަ ކުރި ނަމަވެސް ލަންކާ އިން ވަނީ ސްކޯކޮށް، ލީޑު ހިފަހައްޓާފައެވެ. ލަންކާ އިން ތިން ވަނަ ކުއާޓަރު ނިންމާލީ 37-59 އިންނެވެ.
މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ނޭޕާލުން ވަނީ ބޫޓާން ބަލިކޮށްފައެވެ. އެއީ 26-65 އިންނެވެ. މުބާރާތުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އާއި ބޫޓާން ވާދަކުރާ މެޗެވެ. މުބާރާތުގެ ރިހި މެޑަލް ލިބެނީ ނޭޕާލަށެވެ. މުބާރާތުގައި ކުޅުނު ދެ މެޗުން ރާއްޖެ ވަނީ އެއް މެޗުން މޮޅުވެ، އަނެއް މެޗުން ބަލިވެފައެވެ. ބޫޓާން ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.
މީގެ ކުރިން 2016 ވަނަ އަހަރު އޮތް ސާބާ މުބާރާތާއި، 2019 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް ރާއްޖެ އިން ވަނީ ލޯ މެޑަލް ހޯދާފަައެވެ. މިއަހަރުގެ މުބާރާތަށް ރާއްޖެއިން ނިކުތީ ރަން މެޑައްޔަށް ޓާގެޓުކޮށްގެންނެވެ.