ކ. މާލެ
|
28 ސެޕްޓެންބަރ 2022 | ބުދަ 12:15
ސޫރިޔާގައި ކުރި ވަރުގަދަ ހަނގުރާމައިގެ އަސަރު، ހައްލާކުގެ މަސައްކަތަށްވެސް ވަނީ ފޯރާފައި
ސޫރިޔާގެ ފަންނުވެރި ވަޑި
ތަރިކަ ދެމެހެއްޓުމަށް އަމިއްލަ ޖީބު ހުސްކޮށްލުމުގައި ލާމަސީލު ހައްލާކު
މިހާރު އެއްޗިހި އުފައްދާ މިންވަރު މަދުވެފައިވާއިރު، ކުރިން، މަސައްކަތް ކުރީ ލަކުޑި ގެނެސްގެން އެކަމަކު މިހާރު، މަސައްކަތް ކުރާނެ ފިހާރަގަނޑެއްވެސް ނެތް
ތަރިކައާ ގުޅިފައިވާ ހުރިހާ އެއްޗެއް އޭނާ އުފައްދާއިރު، އެ ސަމާނުތައް އޭނާ އުފައްދަނީ އެކި ސައިޒަށް، އެއީ އެންމެ ކުޑަ ޖަގަހަތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް
އޭނާ އުފައްދަމުން ދަނީ، ސޫރިޔާގެ ކާބަފައިން ބޭނުންކޮށް އުޅުނު ޒާތުގެ ކޮފީ މުގުރާ މެޝިނާއި، ގުޑުގުޑާގެ އިތުރުން، ތަބަކާއި މިއުޒިކް ކުޅޭ އެކި ކަހަލަ ސަމާނުތައް

ސޫރިޔާގެ ވެރިރަށް ދިމިޝްކުން ލޮލުގައި އަޅައިގަތް މަންޒަރެކެވެ. ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ލިޔެލާޖެހުމާއި ވަޑާމުގެ މަސައްކަތުގައި ބޭނުން ކޮށް އުޅޭ ޒާތުގެ ލޭތު ނުވަތަ ޢަރަބިން ކިއާ ގޮތުން ނަމަ މުޚައްރިޟާ މެޝިނެއްގެ މައްޗަށް ގުދު އަޅައިގެން ލަކުޑި ގަނޑެއް ފައިން ހިފަހައްޓައިގެން ބުރަ މަސައްކަތެއްގައި އަވަދިނެތި، މީހަކު އުޅެމުން ދިޔަ މަންޒަރެވެ. އެމީހަކަށް ބަލާލުމުންވެސް އެއީ ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުންދާ މީހެއްކަން ޔަޤީންވެއެވެ. އޭނާގެ އަތްތެރި މަސައްކަތުގެ ހުނަރުންވެސް، އޭނާއަށް ލިބިފައިވާ ތަޖުރިބާއަށް ހެކިދެއެވެ. އެ މީހަކީ، މައުމޫން އަލް-ހައްލާކްއެވެ. ސޫރިޔާގެ ޤަދީމީ މަސައްކަތްތެރިކަމުގެ މައިދާނުގައި އަދިވެސް ދެމި ހުރި، ހިތްވަރުގަދަ، ޤައުމީ ދަރިއެކެވެ.

އަލަތު ދަރިފުޅަށް ވުރެ ވެސް ކުރިން އޭނާއަށް ލިބުނު ލޭތު މޭޝިނަކީ، ހައްލާކު ބުނާ ގޮތުގައި އޭނާގެ ރޫޙެވެ. އެ މިޝަނަކީ، އޭނާގެ ހިތުގެ އުފަލާ ނިހާޔަތަށް ގުޅިފައިވާ މެޝިނެކެވެ.

މި ލޭތު މެޝިނަކީ އަހަރެންގެ ރޫޙު. އަހަރެން ފުރާ، ފުރިހަމަ ވެގެން އައީވެސް މި މެޝިނާއެކީ. މި މެޝިނު ބޭނުންކޮށްގެން މަސައްކަތް ފެށިއިރު، އަހަރެންނަށް ބައްޕަވެސް ނުކިއާ. ދަރިންނަކީވެސް ހަމަ އަހަރެންގެ ރޫޙު. މި މެޝިނު ބޭނުންކޮށްގެން ޘަޤާފީ މަސައްކަތްތެރިކަން ކުރިއަށް ގެންދިއުމަށް އަހަރެން ލޯބި ކުރަން. އަހަރެންގެ ހަތަރެސް ފަޔާއި، ގައިގައި ހުރިއްޔާ ހުރި ހަކަތައެއް ބޭނުންކޮށްގެން، ދާ އޮހުރުވައިގެން އަހަރެން މަސައްކަތް ކުރަން، ވިސްނުން ހިންގަން ކޮން އެއްޗެއްތޯ އުފައްދާނީ. އެކަމުން އަހަރެންނަށް އުފާ ލިބޭ. މީ ވަރަށް ޝައުޤުވެރިކަމެއް. ކުރަހާ މީހެއް ފަދަ.
މައުމޫން އަލް-ހައްލާކު؛ ސޫރިޔާގެ ފަންނުވެރި ވަޑިއެއް

ހައްލާކުގެ މަސައްކަތުގެ އަސާސަކީ ސޫރިޔާގެ ޤަދީމީ ތަރިކައެވެ. އޭނާގެ އުފެއްދުންތެރި ޚިޔާލާއި ގައިގައި ހުރި ބާރެއް ބޭނުންކޮށްގެން އުފައްދަމުން ދަނީ، ސޫރިޔާގެ ކާބަފައިން ބޭނުންކޮށް އުޅުނު ޒާތުގެ ކޮފީ މުގުރާ މެޝިނާއި، ގުޑުގުޑާގެ އިތުރުން، ތަބަކާއި މިއުޒިކް ކުޅޭ އެކި ކަހަލަ ސަމާނުތަކެވެ. އެ ސަމާނުތައް އޭނާ އުފައްދަނީ އެކި ސައިޒަށެވެ. އެއީ އެންމެ ކުޑަ ޖަގަހަތަކުގައި ދިރިއުޅެން މަޖުބޫރުވެފައި ވާ މީހުންނަށްވެސް، އެ ފަދަ ތާރީޚި ތަކެތި ދައްކާލަން ބެހެއްޓޭނެ ކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

ތަރިކައާ ގުޅިފައިވާ ހުރިހާ އެއްޗެއް އަހަރެން އުފައްދަން. މިސާލަކަށް އެކި ސައިޒުގެ މިހްބާޝް ނުވަތަ ކޮފީ ގްރައިންޑަރު ހަދަން. އޭރުން ޒިޔާރަތް ކުރާ މީހަކަށް ނޫނީ މި ރަށު މީހަކަށްވެސް އެ ގަނެގެން، އަހަރަމެންގެ ޘަޤާފަތާ ބެހޭ ކަންތައްތަކެއް ދަސްކުރެވިދާނެ. މީ އަހަރަމެންގެ ޘަޤާފަތް. މިސާލަކަށް، ބޮޑި ސިންގާހާ އެއްޗެއް ގޭގައި ޒީނަތްތެރިކަމަށް ބަހައްޓާލަން ކޮންމެ ކޮންމެ މީހަކަށް އެކަށީގެން ނުވެދާނެ.
މައުމޫން އަލް-ހައްލާކު؛ ސޫރިޔާގެ ފަންނުވެރި ވަޑިއެއް

ސޫރިޔާގައި ކުރި ވަރުގަދަ ހަނގުރާމައިގެ އަސަރު، ހައްލާކުގެ މަސައްކަތަށްވެސް ވަނީ ފޯރާފައެވެ. އޭގެ އެންމެ އިންތިހާއަށެވެ.

އަހަރެން އެއްޗިހި އުފައްދާ މިންވަރު މަދުވެއްޖެ. ކުރިން، ލަކުޑި ގެނެސްގެން އަހަރެން މަސައްކަތް ކުރަނީ. ބައިވަރު ކްލަޔަންޓުންވެސް ތިބޭނެ. މިހާރު، މަސައްކަތް ކުރާނެ ފިހާރަގަނޑެއްވެސް ނެތް. މައުރަޒުތަކުގައި ބައިވެރިވަނީ، އަމިއްލަ ޖީބުން ޚަރަދުކޮށްގެން. ދިރިއުޅުމުގެ ކަންކަންވެސް ދެކޮޅު ޖައްސާލެވެނީ ހަމަ ކިރިޔާ. އަހަރެން ކުރަން ބޭނުން ހާވެސް ކަމަކީ، އަހަރަމެންގެ ތަރިކަ ދައްކާލުން.
މައުމޫން އަލް-ހައްލާކު؛ ސޫރިޔާގެ ފަންނުވެރި ވަޑިއެއް

ހައްލާކު ބުނާ ގޮތުގައި އޭނާއަކީ ޒަމާންވީ ލޭތު މެޝިން ބޭނުން ކުރާ މަދު މީހުންގެ ތެރޭގައި ގުނާލެވޭނެ މީހެކެވެ. މީގެ ކުރިން ޔަރްމޫކް ކޭމްޕުގައި ވަރކްޝޮޕެއް ހިންގި ނަމަވެސް، ހަނގުރާމައިގެ ތެރޭގައި އެތަން ސުންނާފަތިވި ފަހުން، މިއަދު ހައްލާކުގެ ވަރކްޝޮޕެއްވެސް ނެތެވެ. އޭނާ މަސައްކަތް ކުރަނީ އެކުވެރިއެއްގެ ފިހާރައެއްގައެވެ. އުފެއްދުންތައް ދައްކާލަނީ އެކި މައުރަޒުތަކުގައެވެ.

- ކޮމެންޓް